މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ދޮޅުލައްކައަށްވުރެ ގިނަ ޗައިނާ ފަތުރުވެރި ޒިޔާރަތްކޮށްފައިވާކަން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 163،370 އަށް އަރާފައެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ދެވަނައިގައި އޮތް ރަޝިޔާއިން 139،388 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 114،703 ފަތުރުވެރިން އަދި ހަތަރުވަނައިގައި އޮތް އިޓަލީވިލާތުން 89،832 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މި އަހަރުގެ މިހާތަނަށް ޖުމްލަ 1،195،693 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.5 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،092،367 ފަތުރުވެރިންނެވެ.
މިހާރު ރާއްޖޭގައި 175 ރިސޯޓާއި، 16 ހޮޓަލާއި، 877 ފަތުރުވެހިގެ އަދި 159 ސަފާރީ އުޅަނދު ދަނީ ހިންގަމުންނެވެ.



