އިންޑިއާގެ ނިކޮބާ އައިލެންޑްސް ކައިރިއަށް ރޭ އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރި ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ. ރެކްޓަރ މިންގަނޑުން 6.2 ގެ ބާރުމިނުގައި އައި މި ބިންހެލުން އައީ ރޭ 11:41 ގައެވެ.
މެޓް އިން މައުލޫމާތު ދިން ގޮތުގައި މި ބިންހެލުމުގެ އަސަރު މާލެ އާއި ހުޅުމާލެއަށް ކޮށްފައިވެ އެވެ. އަދި ގދ. ކާޑެއްދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑް ކުރާ މީޓަރަށް ރޭ 11:48 ހާއިރު ލޮޅުމެއްގެ އަސަރު ރެކޯޑް ކުރެވުނު ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރި އެވެ.
ބިންހެލުން އައި ނިކޮބާ އައިލެންޑްސް އަކީ ރާއްޖެއާ 2،275 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހައްދެކެވެ. ނަމަވެސް މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ.



