އިދިކޮޅު އެމްޑީޕީން މުޒާހަރާކުރުމުގެ ނަމުގައި ހިންގާފައިވަނީ ޤާނޫނާއި ޚިލާފު، ހަމަނުޖެހުން އުފެއްދުމުގެ ޢަމަލުތަކެއް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ. މިކަން ޕީއެންސީން ފާހަގަކޮށްފައިވަނީ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ޕީއެންސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އިދިކޮޅުން މުޒާހަރާ ބޭއްވުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް، މުޒާހަރާގެ މަގުތަކާއި ކުރިއަށްދާނެ ގޮތާމެދު އެއްބަސްވެފައިވީ ނަމަވެސް، އެމްޑީޕީން މި އެއްބަސްވުމާ ޚިލާފުވެ، ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ގަލާއި ފުޅި އުކައި، ފުލުހުންގެ ޝީލްޑްތައް ފޭރިގަތުމަށް މަސައްކަތްކޮށްފައިވެއެވެ.
އަދި މުޒާހަރާއަށް ރަށްރަށުން ގެނެސްފައިވާ ފަރާތްތަކަށް އަސާސީ ކަންކަމުގެ ގޮތުގައި ހިމެނޭ ކެއުމާއި ހުރުމުގެ ކަންކަން ހަމަޖައްސައި ނުދިނުމުގެ ސަބަބުން އެފަރާތްތައް މާލޭގެ މަގުމަތީގައި ހާލުގައި ޖެހުނު ކަމަށް ޕީއެންސީން ފާހަގަކޮށްފައިވެއެވެ. މިއީ އެމްޑީޕީން ތަމްސީލުކުރާ ރައްޔިތުންނާމެދު ޒިންމާދާރުކަން ކުޑަ ގޮތެއްގައި ޢަމަލުކުރި ކަމެއް ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
ޕީއެންސީން އިތުރަށް ބުނެފައިވަނީ ސަރުކާރުން އަބަދުވެސް އެއްވެއުޅުމުގެ ޤާނޫނާ އެއްގޮތަށް ޚިޔާލުފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ. ނަމަވެސް މި ފުރުސަތަކީ ތަންތަނަށް ގެއްލުންދީ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދިނުމަށް ލިބޭ ފުރުސަތެއް ނޫން ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
މި މައްސަލައިގައި ފުލުހުން ދައްކުވައިދިން ޕްރޮފެޝަނަލިޒަމްއަށް ޝުކުރު އަދާކުރަމުން، ޕީއެންސީން ވަނީ ހަމަޖެހުން ނަގާލުމަށް ހިންގާފައިވާ ޢަމަލުތައް ކުށްވެރިކޮށް، އެފަދަ ޢަމަލުތައް ހިންގި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.