ފުވައްމުލަކު ސިޓީ އެއާޕޯޓުގެ ފެންސް މަތިން އަރަން އުޅެ، އެތަނުގެ ސެކިއުރިޓީ މުވައްޒަފަކަށް ހަމަލާދިން މައްސަލައިގައި ތިން މީހަކު ފުލުހުންހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ފަތިހު 4:05 އެހާކަންހާއިރުއެވެ. އެއާޕޯޓުގެ ފެންސް މަތިން އަރަން އުޅުނު ބަޔަކު ހުއްޓުވަން އުޅުނު ސެކިއުރިޓީ މުވައްޒަފަކަށް އެ ބަޔަކު ވަނީ ހަމަލާދީ މާރާމާރީ ހިންގާފައެވެ.
މި މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރެވުނު ތިން މީހުން ކޯޓަށް ހާޒިރުކުރުމުން، އެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.