ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތައް ލިބޭ ގޮތަށް މީހުން ދިރިއުޅުމަށް ތަރައްގީކުރާ “ސަސްޓެއިނަބަލް ޓައުންޝިޕް” ތައް ޚާއްސަ އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމަށް އެސްއީޒެޑު ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވި ގޮތުގައި، މި ބިލުގެ މައިގަނޑު މަގުސަދަކީ ސިނާއީ، އިގުތިސާދީ، އިޖުތިމާއީ، އުމްރާނީ އަދި މާލީ ތަރައްގީއަށް މަގުފަހިކުރުމެވެ. އަދި މި ބިލުގެ ސަބަބުން ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުވެ، ބޭރު ފައިސާ ވަނުން އިތުރުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްގީކުރުމަށް ބައި ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، މިފަދަ ޓައުންޝިޕްތަކުގައި ލަގްޒަރީ ޓޫރިޒަމްގެ ޚިދުމަތްތަކާއި، ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލެއް އަދި ހޮސްޕިޓަލިޓީ ތަމްރީނު މަރުކަޒެއް ހިމެނެންޖެހޭނެއެވެ.
އަދި މި ޓައުންޝިޕްތަކުގައި ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތަ ކަމުގައި ވާންޖެހޭނެ ކަމަށާއި، ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ގާއިމުކުރަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މިފަދަ ޓައުންޝިޕްތައް ތަރައްގީކުރާ އިންވެސްޓަރުންނަށް ލިބޭނެ އިނާޔަތްތަކާއި ޓެކްސް ނެގުމާ ގުޅޭ ކަންކަންވެސް ބިލުގައި ހިމަނާފައިވެއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އެސްއީޒެޑްތަކަށް އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި މިހާތަނަށް 680 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޔަގީންކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.