އިންސާނީ އެހީގެ ޖަމިއްޔާތަކުން ބުނާ ގޮތުގައި، ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލާފައިވާ މި ދަނޑިވަޅުގައި ވެސް އިޒްރޭލުގެ ހަރުކަށި ދަތިކުރުމުގެ ސަބަބުން ޣައްޒާއަށް ގާތްގަނޑަކަށް އެއްވެސް މެޑިކަލް ސަޕްލައިތަކެއް ނުވެއްދޭތީ، އެ ސަރަހައްދުގެ ސިއްހީ ހާލަތަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވާކަމަށް ސިއްހީ އެހީތެރިން ބުނެފިއެވެ. މިކަމުގެ ސަބަބުން ސިއްހީ ހިދުމަތް ދިނުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް ސިއްހީ އެހީތެރިން ބުނެފައިވެއެވެ.
އެހީގެ މަސައްކަތުގައި ހަރަކާތްތެރިވާ ލީނާ ދަޖާނީ ބުނި ގޮތުގައި، އޮކްޓޯބަރު 10 ވަނަ ދުވަހު ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމަށް ބަޔާން ނެރުނު ފަހުން ވެސް އޭނާ ވާހަކަ ދެއްކި ގާތްގަނޑަކަށް ކޮންމެ ޑޮކްޓަރެއް ވެސް ބުނީ ސިއްހީ ދާއިރާއަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. ހަނގުރާމައިގެ ސަބަބުންނާއި އެހީ ބަހާ ތަންތަނަށް ދޭ ހަމަލާތަކުގެ ސަބަބުން ޒަހަމްވާ މީހުން ގިނަވުމުގެ މައްސަލަ މިހާރު ނެތް ކަމުގައި ވިޔަސް، އަދިވެސް ހޮސްޕިޓަލުތަކަށް ބޭނުންވާ އަސާސީ މެޑިކަލް ސާމާނުގެ ދަތިކަން ވަރަށް ބޮޑެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުރާސްފަތި ދުވަހު އިއުލާނު ކުރި ގޮތުގައި، ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން ވެސް ޣައްޒާއަށް ވަދެވުނީ އެދުނު މެޑިކަލް ސާމާނުގެ އެންމެ 10 އިންސައްތަ އެވެ. އަދި ހަމައެކަނި މެޑިކަލް ސަޕްލައިސް އަށް ނޫން ކަމަށާއި، އެހެނިހެން އެހީތެރިކަމަށް ވެސް ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.
ހޮސްޕިޓަލުތަކުގައި ފުނިޖެހުން ބޮޑުވެ، ބަލިމީހުންނަށް ތަޅުމުގައި ނިދަން މަޖުބޫރުވެފައިވާއިރު، ފަރުވާ ދެވޭ ވަރަށް ވުރެ އަވަހަށް ބަލިމީހުން ޑިސްޗާޖްކޮށް ވަގުތީ ޓެންޓުތަކަށް ފޮނުވާލާ ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.
އިޒްރޭލުގެ ހަމަލާތަކުން ލިބުނު ބިރުވެރިކަމުގެ ސަބަބުން ގިނަ ކުއްޖިންނަށް ފިޓް ޖެހުން (އެޕިލެޕްސީ) ޖެހިފައިވާއިރު، އެ ބައްޔަށް ބޭނުންކުރާ ކެޕްރާ ސިރަޕް ފަދަ ބޭސް ޣައްޒާގައި ނުލިބެ އެވެ. އެ ޖަމިއްޔާއިން ބުނި ގޮތުގައި، ހަނގުރާމައިގެ ދެ އަހަރު ދުވަހުގެ ޝޮކުގެ ސަބަބުން ގިނަ ކުދިންނަށް ފިޓު ޖެހުނު ކަމަށާއި، ބައެއް ކުދިންނަށް ކުރިން ވެސް މިކަން ދިމާވާ ގޮތަށް އުފެދިފައިވީ ނަމަވެސް، ބޮންތައް ގޮވުމުގެ ސަބަބުން މި މައްސަލަ އިތުރަށް ގޯސްވި އެވެ. މީ
ޕަލަސްތީނުގެ އެހީގެ ޖަމިއްޔާއެއް ކަމަށްވާ ޕީއޭއާރުސީގެ ބޭރުގެ ގުޅުންތަކާ ބެހޭ ޑިރެކްޓަރު ބަހާ ޒާޤޫތު ވިދާޅުވީ، ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލި ފަހުން ޣައްޒާއަށް ގާތްގަނޑަކަށް އެއްވެސް މެޑިކަލް ސާމާނެއް ނުވަދެ އެވެ. އިޒްރޭލުން ޑުއަލް ޔޫސްގެ ސާމާނުގެ ގޮތުގައި ހިމަނާފައިވާ ތަކެތި ޣައްޒާއަށް ވެއްދުމަށް ހުރަސް އަޅާފައިވާއިރު، މީގެ ތެރޭގައި ގިނަ މެޑިކަލް އިކުއިޕްމެންޓްއާއި ހިޔާވަހިކަން ހޯދުމަށް ބޭނުންވާ ތަކެތި ހިމެނެ އެވެ. ޒާޤޫތުގެ އަންދާޒާ ކުރާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރިން އިޒްރޭލުން 1،400 އެއްޗެއް ޑުއަލް ޔޫސް ތަކެތީގެ ތެރޭގައި ހިމެނި ނަމަވެސް، ޣައްޒާގައި ކުރަމުންދާ ނަސްލު ނައްތާލުމުގެ އަމަލު ފެށުމަށް ފަހު، މި ލިސްޓަށް ބޭހާއި ކުޑަކުދިންގެ އަންނައުނު ފަދަ ގާތްގަނޑަކަށް 4،000 އެއްޗެއް ވަނީ އިތުރުކޮށްފައެވެ.



