ސަރުކާރު ހިންގާ ޕީއެންސީއިން މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ބާއްވާ ބޮޑު ޖަލްސާއިން އިދިކޮޅަށް ވަރުގަދަ މެސެޖެއް ދޭނެ ކަމަށާއި ރައްޔިތުން ތިބީ ސަރުކާރާއެކުކަން ދައްކާލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އާދަމް ޒާހިރު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް 2 އަހަރު ފުރުމާ ދިމާކޮށް ޕީއެންސީން މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމާފައިވާ ޖަލްސާގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ދެއްވަމުން މެންދުރުޓީވީން ގެނެސްދިން ދިވެހިންގެ ރާއްޖެ ކަވަރޭޖުގައި މެމްބަރު ވިދާޅުވީ ޕީއެންސީން ބާއްވާ ޖަލްސާއަކީ ބޮޑު ޖަލްސާއެއް ބާއްވާ ސަރުކާރުގެ ސައިޒު އިދިކޮޅަށް ދައްކާލަން އެތައް ރައްޔިތުންނެއް އެދެމުންދާތީ އެ ރައްޔިތުން ބޭނުންވެގެން ބާއްވާ ޖަލްސާއެއްކަމަށެވެ.
އަދި މިފަދަ ޖަލްސާއެއް ނުބާއްވައިގެން ރައްޔިތުންޝަކުވާކުރަމުން އަންނަކަމަށާއި އެހެންނަމަވސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ ގައުމުގެ ކަންކަން ހަމައަކަށްއެޅުވުމަށްފަހު މިފަދަ ބޮޑު ޖަލްސާއެއް ބޭއްވުމަށްކަމަށް މެމަބަރު ވިދާޅުވިއެވެ.
މެމްބަރު އިތުރަށް ވިދާޅުވީ މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ތާވަލުކުރި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ “ބޮޑު އެއްވުން” މުއްދަތެއް ނެތްގޮތަށް ފަސްކުރީ ޕީއެންސީއިން ބާއްވަން ނިންމާފައިވާ ޖަލްސާގެ ރޫޙު ފެނިގެން ކަމަށެވެ.
އަދި ޕީއެންސީގެ ޖަލްސާއަށް މީހުން ގެންނަނީ މަޖުބޫރުކޮށްގެން ކަމަށް އިދިކޮޅުން ކުރާ ތުހުމަތަށް ރައްދު ދެއްވަމުން މެމްބަރު ވިދާޅުވީ، ޖަލްސާއަށް އަންނަން އެއްވެސް ދިވެހި ރައްޔިތަކަށް ޕީއެންސީގެ ފަރާތުން މަޖުބޫރު ނުކުރާނެކަމަށާއި ޖަލްސާގައި ރައްޔިތުން ބައިވެރިވާނީ ހިތުން ރުހުމުން ކަމަށެވެ.



