އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ މަޝްހޫރު ރެޑް ފޯޓު ސަރަހައްދުގައި ރޭ ހިނގި ގޮވުމެއްގެ ހާދިސާގައި ބަޔަކު މަރުވެ، އަނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ މި ހާދިސާގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ހިތާމަ ފާޅުކުރައްވާފައެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާއެކުކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މި ހާދިސާ ހިނގާފައި ވަނީ އިންޑިޔާ ގަޑިން ރޭ އިރުއޮއްސި ހަތެއް ޖަހަނިކޮށް، ނިއު ދިއްލީގެ ބައިބޯ ސަރަޙައްދެއްކަމަށްވާ ރެޑް ފޯޓު ސަރަހައްދުގައެވެ. އިންޑިއާގެ ފުލުހުންގެ ތަރުޖަމާނު ސަންޖޭ ތިޔާގީ ވިދާޅުވި ގޮތުގައި، މަޑުމަޑުން ދުއްވާފައި އައި އުޅަނދެއް ޓްރެފިކް ލައިޓުގައި ހުއްޓި އޮއްވައި އެ ކާރު ގޮވާފައިވަނީ އެ ވަގުތުގައެވެ. މި ގޮވުމުގެ ސަބަބުން އެ ސަރަޙައްދުގައި ހުރި އެހެން އުޅަނދުތަކަށްވެސް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ހަ ކާރަކާއި ތިން އޮޓޯއެއްގައި އަލިފާން ރޯވެފައިވެއެވެ. މި ގޮވުމަށް މެދުވެރިވި ސަބަބު ފުލުހުން މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ފޮނުއްވައިފައެވެ. އަދި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައި ވެއެވެ. ބޮޑުވަޒީރު މޯދީ ވިދާޅުވީ، ހާދިޘާގައި އަސަރުކުރި މީހުންނަށް ކަމާބެހޭ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. މި ގޮވުމަށް ފަހު އިންޑިޔާގެ މުމްބާއީއާއި، އެންމެ ބައިބޯ ސްޓޭޓު ކަމަށްވާ އުއްތަރު ޕްރަދޭޝް އޮތީ ސަލާމަތީގޮތުން ތައްޔާރީ ޙާލަތުގައެވެ.



