ރާއްޖޭގެ ބައެއް ރަށްރަށުގައި ޚުޠުބާ ކިޔާނެ މީހުން ލިބުމުގައި ދިމާވާ ދަތިކަމަށް ހައްލު ހޯދުމަށްޓަކައި، އިސްލާމިކް މިނިސްޓްރީން ފުރަތަމަ ފަހަރަށް ހިންގި “ޕްރޮފެޝަނަލް ޚަޠީބް ޕްރޮގްރާމް” ނިންމި 36 ކައުންސިލަރަކަށް ޚުޠުބާ ކިއުމުގެ ހުއްދައާއި ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ އަރުވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރިގޮތުގައި މި ޕްރޮގްރާމް ހިންގާފައިވަނީ، ކައުންސިލަރުންގެ ތެރެއިން ޤާބިލުކަން ހުރި ފަރާތްތަކަށް ޚުޠުބާ ކިއުމުގެ ހުއްދަ ދިނުމުގެ މަޤްސަދުގައެވެ. އަދި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ޕްރޮގްރާމް ނިންމި 36 ފަރާތަކަށް ވަނީ މި ހުއްދަތައް ދޫކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، އިދާރީ ގޮތުން ރަށުގެ ކަންކަން ހިންގުމާއެކު، އިމާމުވެ ހުކުރު ކުރުން ފަދަ ދީނީ ކަންކަން ވެސް އިސްވެ ކުރުމުގެ ޤާބިލުކަން ހުރި ލީޑަރުން ރަށުގެ ވެރިންނަށް ތިބުމަކީ އިސްލާމީ މުޖުތަމަޢެއްގައި ބޭނުންތެރިކަމެކެވެ. މިފަދަ ލީޑަރުން ތިބުމަކީ ރަށްރަށުގެ ދީނީ ކަންކަން ހަރުދަނާވެ، ޚުޠުބާ ކިޔާނެ މީހުން ނެތުމުގެ ދަތިކަން ކުޑަވެގެންދާނެ ކަމެއްކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.



