އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސިޓީ ކައުންސިލްތަކަށް އަންހެން ކައުންސިލަރުން އިންތިހާބުކުރާނެ ދާއިރާތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައި އިއުލާންކޮށްފި އެވެ. ސިޓީ ކައުންސިލްތައް އެކުލެވިގެންވާ ގޮތަށް ގާނޫނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ސިޓީ ކައުންސިލްތަކުގެ ދާއިރާތައް އަލުން ކަނޑައަޅަން ޖެހުމުގެ ސަބަބުން، އީސީން ވަނީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓެއް އާންމުކޮށްފަ އެވެ. އެ ރިޕޯޓާ އެކު، އަންހެން ކައުންސިލަރުންނަށް ހާއްސަކުރާ ދާއިރާތައް ވަކި އިއުލާނެއްގައި ވަނީ އާންމުކޮށްފަ އެވެ.
މާލެ ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރުމަށް ކަނޑައެޅި ގޮނޑިތަކަކީ ހުޅުމާލެ އުތުރު ދާއިރާ، ހެންވޭރު އުތުރު ދާއިރާ، ގަލޮޅު އުތުރު ދާއިރާ، މައްޗަންގޮޅި މެދު ދާއިރާ، މާފަންނު މެދު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާ އެވެ. މި ދާއިރާތަކުން އިންތިހާބުކުރާނީ ހަމައެކަނި އަންހެން ކައުންސިލަރުންނެވެ.
އައްޑޫ ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރުމަށް ކަނޑައެޅުނު ދާއިރާތަކަކީ ހިތަދޫ މާމެންދޫ ދާއިރާ، ހިތަދޫ ބޭރުމަތި ދާއިރާ، މަރަދޫ ދާއިރާ އަދި ފޭދޫ މަގުއްދޫ ދާއިރާ އެވެ. މީގެ އިތުރުން، ގދ. ތިނަދޫ ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރާ ދާއިރާތަކަކީ ތިނަދޫ އިރު އުތުރު ދާއިރާ އާއި ތިނަދޫ ހުޅަނގު ދެކުނު ދާއިރާ އެވެ.
ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އަންހެން ކައުންސިލަރުންނަށް ހާއްސަ ދާއިރާތަކަށް ކަނޑައަޅާފައިވަނީ ކުޅުދުއްފުށި މެދު އުތުރު ދާއިރާ އާއި ކުޅުދުއްފުށި އިރު ދެކުނު ދާއިރާ އެވެ. އަދި ފުވައްމުލައް ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރާ ގޮނޑިތަކަކީ ދަޑިމަގު ދާއިރާ، މާލެގަން ދާއިރާ، އަދި ދޫނޑިގަން ދާއިރާ އެވެ.
މި އިންތިހާބުގައި އަންހެނުންނަށް 33 އިންސައްތަ ކަނޑައަޅާފައިވާ ގޮތަށް، ސިޓީ ކައުންސިލްތަކުގެ ދާއިރާތައް އަލުން ކަނޑައެޅުމުގެ މަސައްކަތް އީސީން ކުރިއަށް ގެންދާއިރު، މި ވަގުތީ ރިޕޯޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.



