ކުރިއަށް އޮތް ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އަންނަ މޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުރިހާ ސްކޫލްތަކަށް ފޮނުވައި ނިންމުމަށް އެޑިއުކޭޝަން މިނިސްޓްރީން އަމާޒު ހިފައިފިއެވެ.
މިނިސްޓްރީގެ މި މަސައްކަތަކީ ދިރާސީ އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން މި މަހުގެ ކުރީކޮޅުން ފެށިގެން އެ މިނިސްޓްރީން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ފޮތްތައް ފޮނުވުމުގެ މަސައްކަތް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާއިރު، މިހާތަނަށް ރާއްޖޭގެ 40 އަށްވުރެ ގިނަ ސްކޫލަކަށް ބޭނުންވާ ފޮތްތައް ވަނީ ފޮނުވައި ނިންމާފައެވެ. މިނިސްޓްރީގެ އަމާޒަކީ ކަނޑައެޅިފައިވާ ތާރީޚަށް ހުރިހާ ރަށެއްގެ ސްކޫލްތަކަށް ފޮތްތައް ހަމަކުރުމެވެ.
މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިމި، ދަރިވަރުންގެ ބޮޑު ޗުއްޓީ އަންނަ ބުރާސްފަތި ދުވަހު ފެށޭއިރު، އަދި ޗުއްޓީއަށްފަހު އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މޭ މަހުގެ 27 ވަނަ ދުވަހުއެވެ.



