ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުން ހެދުން އެޅުމާ ގުޅޭ ގަވާއިދަށް މުހިންމު އިސްލާހުތަކެއް ގެނެސް، އެކަން މިއަދު އިއުލާންކޮށްފިއެވެ. މި ބަދަލަކީ ސިވިލް ސަރވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑުތައް އިޖުތިމާޢީ މިންގަނޑަށްވުރެ ދަށްވެފައިވާ ކަމަށް ބުނެ އާންމުންގެ ފަރާތުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ގެނައި ބަދަލެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުމާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ސިވިލް ސަރވިސްގެ ހެދުން އެޅުމުގެ މިންގަނޑުތަކަށް 2014 ވަނަ އަހަރު ގެނައި ބަދަލުތަކުގެ ސަބަބުން މިންގަނޑުތައް ދަށްވެފައިވާ ކަމަށެވެ. އެހެންކަމުން، ކުރީގެ ހަރުދަނާ މިންގަނޑުތަކަށް އަލުން އަމަލުކުރަން ފެށުމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގައި އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ސީއެސްސީން މިއަދު ގެޒެޓްކުރި އިސްލާހުގައިވާ ގޮތުން، ފިރިހެން މުވައްޒަފުން ރަސްމީ ގަޑީގައި ތިބެންވާނީ ގަމީހާއި ފަޓުލޫނު، ޓައި އަދި އޮފީސް ބޫޓުގައެވެ. ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީހާއި ބުސް ގަމީސް ބޭނުންކުރެވޭނެއެވެ. އަދި ގަހަނާގެ ގޮތުގައި އަނގޮޓިއެއް ފިޔަވައި އިތުރު އެއްޗެއް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.
އަންހެން މުވައްޒަފުންނަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބަލާއިރު، ރަސްމީ މަސައްކަތުގައި އުޅޭއިރު ބޭނުންކުރަންވާނީ ދިގު ހެދުމެއް، ދިވެހި ލިބާހެއް ނުވަތަ އޮފީސް ހެދުމެވެ. މީގެ އިތުރުން، ހުރިހާ މުވައްޒަފުންނަށްވެސް އިސްތަށިގަނޑުގައި ކަޅުކުލަ ނޫން ފާޅުކަން ބޮޑު ކުލަކުލަ ޖެއްސުމާއި، ޝޭޑްކޮށް ހައިލައިޓް ކުރުން މި އިސްލާހުގެ ދަށުން މިހާރު ވަނީ މަނާކޮށްފައެވެ.
މި އައު އިސްލާހުގައި ސަޕޯޓް ސަރވިސް ގިންތީގެ މުވައްޒަފުން ހެދުން އަޅަންޖެހޭ ގޮތްވެސް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. މި ބަދަލުތަކުގެ މައިގަނޑު މަގުސަދަކީ ޚިދުމަތް ހޯދަންދާ އާންމުންގެ ކުރިމަތީގައި މުވައްޒަފުންނާއި އޮފީސްތަކުގެ ގަދަރާއި ހައިބަތު ހިފެހެއްޓުމާއި، ދިވެހި މުޖުތަމައު ގަބޫލުކުރާ އަޚުލާގީ ހަމަތަކުގެ މަތީގައި މުވައްޒަފުން ބޭތިއްބުމެވެ.



