މި މަހުގެ 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދިރާސީ އާ އަހަރަށް ތައްޔާރުވަމުން އަންނަ އިރު، ރާއްޖޭގެ އެކި އަތޮޅުތަކުގެ ސްކޫލްތަކުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް ބަދަލުވުމަށް 1،500 އަށް ވުރެ ގިނަ ދަރިވަރުން ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އަތޮޅުތަކުން މާލެ ސަރަހައްދަށް ބަދަލުވާން 1،530 ދަރިވަރަކު އެދިފައިވާއިރު، މާލޭގެ ސްކޫލްތަކުން ހުޅުމާލޭގެ ސްކޫލްތަކަށް ބަދަލުވުމަށް 836 ދަރިވަރަކު ވަނީ ހުށަހަޅާފައެވެ.
މި އަހަރުގެ ގްރޭޑް 1 އަށް ވަނުމަށް އެދި ހުށަހެޅި ދަރިވަރުންގެ އަދަދުތަކަށް ބަލާއިރު، މުޅި ރާއްޖެއިން ޖުމްލަ 4،790 ދަރިވަރުން ވަނީ ސަރުކާރު ސްކޫލްތަކަށް ވަނުމަށް އެދިފައެވެ. މީގެ ތެރޭގައި އަތޮޅުތަކުގެ ރަށްތަކުން ގްރޭޑް 1 އަށް ވަނުމަށް އެދިފައިވާ 3،042 ދަރިވަރުންނާއި، މާލެ ސަރަހައްދުގެ ސްކޫލްތަކުން ފުރުސަތަށް އެދިފައިވާ 1،748 ދަރިވަރުން ހިމެނެއެވެ.
އަތޮޅުތަކުން މާލެ ސަރަހައްދަށް ކިޔަވަން އަންނަ ދަރިވަރުންގެ އަދަދު އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންދާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާ ސްކޫލެއް ހުޅުވުމުގެ މަސައްކަތް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އެގޮތުން އަލަށް ހުޅުވާ ޝަހީދު އަލީ ސްކޫލަށް ވަނުމަށް މިހާތަނަށް 1،900 އެއްހާ ދަރިވަރުން ވަނީ ފޯމު ހުށަހަޅާފައެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް މިނިސްޓްރީންނާއި ސްކޫލްތަކުން މިހާރު އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.



