ސްރީ ލަންކާގައި ކުރިއަށް ގެންދާ ދަނޑުވެރިކަމުގެ ހާއްސަ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ރާއްޖޭގެ 52 ދަނޑުވެރިއަކު މިއަދު ފުރައިފި އެވެ. މިއީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީ އާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ކުރިއަށް ގެންދާ ދަތުރެކެވެ. މިއީ މިހާ ގިނަ އަދަދެއްގެ ދަނޑުވެރިންނާއެކު ރާއްޖެއިން ބޭރުގައި ކުރިއަށް ގެންދާ މިފަދަ ފުރަތަމަ ތަމްރީނު ޕްރޮގްރާމެވެ.
މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ “އެޑްވާންސް ހޯޓިކަލްޗާ އެކްސްޕޯޝާ ޓްރެއިނިން ޕްރޮގްރާމް” ގައި، އެންމެ ޒަމާނީ ގްރީން ހައުސްތަކުގައި ދަނޑުވެރިކަން ކުރާނެ ގޮތުގެ މައުލޫމާތާއި އަމަލީ ތަޖުރިބާ ދަނޑުވެރިންނަށް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މި ދަތުރުގައި ބައިވެރިވަނީ މެޕް ޕްރޮޖެކްޓުގެ ދަށުން ހިންގި އިސްދަނޑުވެރިންގެ ތަމްރީނުތައް ފުރިހަމަކޮށްފައިވާ ފަރާތްތަކާއި، “ދަނޑުވެރި މަންފާ” ގްރާންޓުގެ އެހީގައި އަމިއްލަ ގްރީން ހައުސްތަކުގައި މަސައްކަތް ފަށާފައިވާ ދަނޑުވެރިންނެވެ.
މެޕް ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ 12 ރަށެއްގައި މިހާރު ވެސް ވަނީ ގްރީން ހައުސްތައް ގާއިމުކޮށް، ތިމާވެއްޓާ ރައްޓެހި ދަނޑުވެރިކަމުގެ އުސޫލުތައް ތައާރަފްކޮށްފަ އެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ދަނޑުވެރިންގެ ހުނަރު ތަރައްގީކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، ލަންކާއަށް ކުރާ މި ތަމްރީނު ދަތުރުގެ ހުރިހާ ހަރަދެއް ހަމަޖައްސާފައިވަނީ މެޕް ޕްރޮޖެކްޓަށް ލިބިފައިވާ ހިލޭ އެހީގެ ދަށުންނެވެ.



