ތުއްތުކުދިންނަށް ދޭ ފޯމިއުލާ ކިރުގެ ބާވަތެއް ކަމަށްވާ ބޭބީބަޔޯ މަރުކާގެ ބައެއް އުފެއްދުންތަކުން ކާނާ ވިހަވާ މާއްދާއެއް ފެނުމާ ގުޅިގެން، އެ ބްރޭންޑުގެ ދެ އުފެއްދުމެއް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ. ފަރަންސޭސިވިލާތުގައި އުފައްދާ މި އުފެއްދުންތަކުގެ ބައެއް ބެޗްތަކުން ވިހަ މާއްދާއެއް ފެނިފައިވާތީ، އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ އެ ތަކެތި ބާޒާރުން ނަގައި ނައްތާލުމަށް އަންގާފައެވެ.
އެމްއެފްޑީއޭއިން ހާމަކުރި ގޮތުގައި، ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް މެދުވެރިކޮށް ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި މި އުފެއްދުންތަކުން ފެނިފައިވަނީ “ސެރެއުލައިޑް” ކިޔާ ވިހަ މާއްދާއެކެވެ. މިއީ ބެސިލަސް ސިރިއަސް ޖަރާސީމުން އުފައްދާ މާއްދާއެއް ކަމަށާއި، މީގެ ސަބަބުން ކުދިންނަށް މޭނުބައިކުރުމާއި، ހޮޑުލުމުގެ އިތުރުން ބަނޑުގައި ރިއްސުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.
މި މައްސަލަ ފާހަގަކުރެވިފައިވަނީ ބޭބީބަޔޯގެ ދެ ބާވަތެއްގެ ވަކި ބެޗްތަކަކުންނެވެ. އެއީ ‘ބޭބީބަޔޯ އޮޕްޓިމާ 1’ ގެ 400 ގްރާމްގެ 900932 ބެޗާއި 800 ގްރާމްގެ 894408 ބެޗެވެ. މީގެ އިތުރުން ‘ބޭބީބަޔޯ ކެޕްރިއާ 1’ ގެ 800 ގްރާމްގެ 900035 ބެޗާއި 899014 ބެޗުން ވެސް މި ވިހަ މާއްދާ ވަނީ ފެނިފައެވެ. އެހެންކަމުން މި ބެޗްތަކުގެ އެއްވެސް އުފެއްދުމެއް ބާޒާރުގައި ނުބެހެއްޓުމަށް ވަނީ އިރުޝާދު ދީފައެވެ.
މިކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބޭބީބަޔޯގެ މި އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން އެމްއެފްޑީއޭއިން ވަނީ ވަގުތުން މަނާކޮށްފައެވެ. އަދި އާންމު ސިއްހަތަށް ހުރި ނުރައްކަލަކަށް ވާތީ، މިފަދަ އުފެއްދުންތައް ގެންގުޅޭ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.



