ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމަށްޓަކައި، މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނައުމަށް ޤާނޫނު އަސާސީއަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ފާސްވެފައިވަނީ މަޖިލީހުގެ 72 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މި ބަދަލާއެކު ދެ އިންތިޚާބު އެކުގައި ބޭއްވުމުގެ ގާނޫނީ މަގު ތަނަވަސްވެ، މަޖިލީހުގެ އުމުރު ގުނާނެ އާ އުސޫލުތަކެއް ވަނީ ކަނޑައެޅިފައެވެ.
މި އިސްލާޙުގައިވާ ގޮތުން، ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނީ ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގައެވެ. މަޖިލީހުގެ އުމުރަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ގުނޭ މުއްދަތެއް ކަމަށް ކަނޑައަޅާފައިވާއިރު، އެ މުއްދަތު ހަމަވުމާއެކު މަޖިލިސް އުވޭނެއެވެ. އަދި އަލަށް އިންތިޚާބު ކުރެވޭ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނީވެސް ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހު ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބަދަލުގެ ސަބަބުން މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވެގެންދާނެއެވެ. ޤާނޫނު އަސާސީގައި ކުރިން އޮތް ގޮތުން މިހާރުގެ މަޖިލީހުގެ ދައުރު 2029 ވަނަ އަހަރަށް ހަމަވި ނަމަވެސް، އާ އިސްލާޙާއެކު 1 ޑިސެންބަރު 2028 ގައި މިހާރުގެ މަޖިލީހުގެ އުމުރު ހަމަވާނެއެވެ. އެހެންކަމުން، ދެން އެންމެ އަވަހަށް ބާއްވާ މަޖިލިސް އިންތިޚާބު ބާއްވަން ޖެހޭނީ މި އާ ތާރީޚުތަކަށް ފެތޭ ގޮތަށް، ރިޔާސީ އިންތިޚާބާ އެކުގައެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ހުށަހެޅުއްވި މި ބިލުގެ ބަހުސް މަރުހަލާގައި ސަރުކާރަށް ތާއީދުކުރާ މެންބަރުން ބިލަށް ތާއީދުކުރެއްވި ނަމަވެސް، އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެންބަރުން އަޑުގަދަކޮށް އިހުތިޖާޖު ކުރުމުގެ ސަބަބުން، މަސްލަހަތު ނަގާލި ބައެއް މެންބަރުންގެ ނަން އިއްވައި ތަޅުމުން ބޭރުކުރަންވެސް ރިޔާސަތަށް ޖެހުނެވެ.



