ނަރަކައިން ސަލާމަތްވެ، ސުވަރުގެއަށް ވާސިލްވުމަށް އެންމެ ރަމަޟާން މަހެއްގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ފުދޭނެ ކަމެއް ކަމަށާއި، ނަމަވެސް އެކަން ކާމިޔާބު ކުރެވޭނީ އިޚްލާސްތެރިކަމާއެކު އަޅުކަންތައްތައް އަދާކޮށްގެން ކަމަށް އައްޝައިޚް ޢާޒިމް ޚާލިދު ވިދާޅުވެއްޖެއެވެ.
ޝައިޚް މިހެން ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ތ. ދިޔަމިގިލީގައި ބޭއްވި އިޙްޔާ ފޯރަމްގައި “ރަމަޟާން މަހުގެ މާތްކަން” މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުންނެވެ.
ޝައިޚް ޢާޒިމްގެ ވާހަކަފުޅުގައި، ހަޤީޤީ ކާމިޔާބީއަކީ ނަރަކައިން މުއްތިވުންކަން ފާހަގަކުރައްވައި، ރަމަޟާން މަހަކީ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި ނަރަކައިގެ ދޮރުކޮޅުތައް ބަންދުވެގެންވާ މާތް މައްސަރެއްކަން ހަނދާންކޮށްދެއްވިއެވެ. އަދި މި މައްސަރުގައި ވީހާވެސް ގިނައިން ރޭ އަޅުކަން ކުރުމަށާއި، ޤުރުއާން ކިޔެވުމުގެ އިތުރުން އޭގެ މާނަ ދެނެގަތުމަށާއި، ސަދަޤާތް ދިނުން ފަދަ ހެޔޮ އަމަލުތައް އިތުރުކުރުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެލެއްވިއެވެ.
ދިޔަމިގިލީ ފުޓްސަލް ދަނޑުގައި ބޭއްވި މި ފޯރަމްގައި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއިރު، ބައިވެރިންގެ މެދުގައި ގުރުއަތުލައި ހޮވުނު ފަރާތްތަކަށް ވަނީ ޚާއްޞަ އިނާމުތަކެއް ދީފައެވެ. މީގެ އިތުރުން، މި ފޯރަމްގެ ކުރިން އަސުރު ނަމާދަށްފަހު ވެސް ޝޭޚް ޢާޒިމް ވަނީ އެ ރަށުގައި ދީނީ ދަރުހެއް ދެއްވާފައެވެ.
މި އަހަރުގެ ރަމަޟާން މަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ މާލޭގައި 8 ފޯރަމެއް އަދި އަތޮޅުތެރޭގެ 10 ރަށެއްގައި އިޙްޔާ ފޯރަމްތައް ބޭއްވުމަށް ނިންމާފައެވެ.



