ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބު އަދި މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމާއި ގުޅޭ ޚިޔާލު ހޯދުމުގެ އާންމު ވޯޓަށް ރީ-ރަޖިސްޓަރވުމުގެ ފުރުޞަތު މިއަދު ހަމަވާނެއެވެ.
އަންނަ އޭޕްރީލްމަހުގެ 4ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވޯޓު ލާން ހަމަ ޖެހިފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ދެ އިންތިޚާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބު ވޯޓުލާތަން ބަދަލުކުރަން ބޭނުންވާ މީހުންނަށް ފުރުޞަތު ހުޅުވާލީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އަދި ދެ އިންތިޚާބު އެއްކޮށްލާ ވޯޓަށް ރީ-ރަޖިސްޓަރ ވާން ހުޅުވާލީ މިމަހުގެ 18 ވަނަ ދުވަހުއެވެ. 3 ވޯޓުގެ މުއްދަތުވެސް މިއަދުގެ މެންދުރުފަހު 3:00އާއި ހަމައަށް ހަމަވާނެއެވެ.
ރީ-ރަޖިސްޓްރީވުމަށް ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ، ‘ރީ-ރަޖިސްޓްރޭޝަން ޕޯޓަލް’ (form.elections.gov.mv) ނުވަތަ ‘މައި ޕޯޓަލް’ (my.elections.gov.mv) މެދުވެރިކޮށް އޮންލައިން ކޮށެވެ. ރީ-ރަޖިސްޓްރޭޝަން ޕޯޓަލް’ މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ލައިވް ފޮޓޯ ހުށަހަޅަން ޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ. ‘މައި ޕޯޓަލް’ މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެ ކަމަށް އީސީން ވިދާޅުވިއެވެ.



