ކ. މާފުށީ ޖަލުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ ޖަލުގައި އަލަށް ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓައި މިއަދު ބޭނުންކުރަން ފަށައިފިއެވެ. މި ޒަމާނީ މެޝިން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާނެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، މިއީ މާފުށީ ޖަލުގައި މިފަދަ ބޮޑީ ސްކޭނިން މެޝިނެއް ބެހެއްޓުނު ފުރަތަމަ ފަހަރެވެ. މި މެޝިނަކީ ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށާއި، ޖަލުގެ އަމާންކަން ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ މުއައްސަސާއިން ފާހަގަކުރެއެވެ.
މި މެޝިން ބެހެއްޓުމުގެ މައިގަނޑު މަގްސަދަކީ ޖަލުގެ ސަލާމަތީ ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް، ޖަލަށް ވަދެ ނިކުމެވާ މީހުން ފާސްކުރުމުގެ ނިޒާމު އިތުރަށް ފުރިހަމަކުރުމެވެ. މީގެ ސަބަބުން ޖަލުގެ އޮފިސަރުންނަށް ލިބޭ ލުއިފަސޭހަތަކުގެ އިތުރުން، ޖަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
ކަރެކްޝަނަލް ސާވިސްއިން އިތުރަށް ބުނީ، ޖަލުތަކުގެ ކަންކަން އިސްލާހުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ޖަލުތަކުގެ ހިންގުން ހަރުދަނާކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. މިފަދަ ޓެކްނޮލޮޖީތަކުގެ އެހީގައި ޖަލުތަކުގައި ހިނގާ ނޭދެވޭ ކަންކަން މަދުކުރެވޭނެ ކަމަށްވެސް އެ ފަރާތުން ބުނެއެވެ.



