މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ހިނގަމުންދާ ނުރައްކާތެރި ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ސަރުކާރުން ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި، އެ ސަރަހައްދުގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ހުރިހާ ހަމަލާތަކެއް ދިވެހި ސަރުކާރުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލާފައިވެއެވެ. އަދި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ހުރިހާ ފަރާތްތަކަކުންވެސް ފުރިހަމަ އެއްބާރުލުން ދިނުމަށް ދިވެހި ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
ދިވެހި ސަރުކާރުން ބުނެފައިވަނީ މެދުއިރުމަތީގެ ހުރިހާ ގައުމުތަކަކުންވެސް އެ ގައުމެއްގެ އިހުތިސާސް ކަނޑައަޅާފައިވާ ސަރަހައްދުތަކަށް އިހުތިރާމު ކުރަންޖެހޭނެ ކަމަށެވެ. މީގެއިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކާއި، ގަވާއިދުތަކުގެ އިތުރުން އދ. ގެ ޗާޓަރުގައި ހިމެނޭ އުސޫލުތަކަށް ހުރިހާ ގައުމަކުންވެސް ސަމާލުވުމަކީ މަސްރަހު ފިނިކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރާއްޖެއިން ފާހަގަކުރެއެވެ.
މެދުއިރުމަތީގައި ދާއިމީ ސުލްހައެއް ގާއިމުކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ރާއްޖޭގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ސުލްހަވެރިކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް ސަރުކާރުން ވަނީ ދީފައެވެ.



