މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އެ ސަރަހައްދުގައި ފެށިފައިވާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ސަޕްލައި ޗެއިންއަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، އަސާސީ ކާބޯތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ކަށަވަރުކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން މިރޭ ފަށައިފިއެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދީފައެވެ. މި ހަމަލާތަކާ އެކު ގަލްފް ގައުމުތަކުގެ ވައިގެ ސަރަހައްދާއި ތެޔޮ ބޭރުކުރާ މައި މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން، ބައިނަލްއަގުވާމީ މުދާ އުފުލުމުގެ ނިޒާމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަރަށް ގާތުން މޮނީޓާ ކުރަމުންދާ ކަމަށެވެ. މިގޮތުން، ރާއްޖެއަށް މުދާ އެތެރެކުރާ މާކެޓުތަކާއި ރޫޓްތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ، މުދާ އެތެރެކުރާނެ އިތުރު މަގުތަކާއި މާކެޓުތައް ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.
“މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދިވެހި އެންމެހާ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ،” މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން، އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ވަނީ ދީފައެވެ.
މި ހާލަތާ ގުޅިގެން ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނުވަ ވަޒީރުންގެ މައްޗަށް އެކުލެވޭ ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައެވެ. މި ކޮމިޓީގެ މައިގަނޑު މަސައްކަތަކީ މަސްރަހަށް އަންނަ ބަދަލުތައް ދިރާސާކޮށް، ރާއްޖޭގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމެވެ. ހާއްސަކޮށް، ވައިގެ ދަތުރުފަތުރާއި ކަނޑު މަގުން މުދާ އެތެރެކުރުމަށް ހުރި ހުރަސްތަކަށް ހައްލު ހޯދުމަށް މި ކޮމިޓީން އިސްކަންދޭނެއެވެ.



