އިޒްރޭލުން އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަވެފައިވާ ކަމަށް އީރާނުގެ ސަރުކާރުން ކަށަވަރުކޮށްދީފިއެވެ.
އިޒްރޭލާއި އެމެރިކާއިން މި ޚަބަރު ފެތުރުމުން އެއީ ‘ނަފްސާނީ ހަނގުރާމައެއް’ ކަމަށް ބުނެ ކުރިން ދޮގުކުރި ނަމަވެސް، އީރާނުގެ ދައުލަތުގެ މީޑިއާއިން މިހާރު ވަނީ ހާމަނާއީގެ އިތުރުން އޭނާގެ އާއިލާގެ ބައެއް ބޭފުޅުންވެސް މި ހަމަލާގައި އަވަހާރަވިކަން ކަށަވަރުކޮށްދީފައެވެ.
އީރާނުގެ ރަސްމީ ނިއުސް އެޖެންސީ އައިއާރުއެންއޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގައި ހާމަނާއީގެ ދަރިކަނބަލުންނާއި، ދަނބިދަރިކަލުން އަދި ކާފަ ދަރިފުޅަކު ވެސް ވަނީ އަވަހާރަވެފައެވެ. މީގެ އިތުރުން އީރާނުގެ ދިފާއީ މަޖިލީހުގެ ސެކްރެޓަރީ އަލީ ޝަމްކާނީ އާއި އައިއާރުޖީސީގެ އިސްވެރިޔާ މުހައްމަދު ޕަކްޕޫރު ވެސް އަވަހާރަވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ކަމަށް އެ ގައުމުން ވަނީ ހާމަކޮށްފައެވެ.
އިޒްރޭލުން ދިން މި ހަމަލާ އަމާޒުކޮށްފައިވަނީ ހާމަނާއީގެ އޮފީސް އިމާރާތް ހުންނަ ސަރަހައްދަށެވެ. ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދު ވަނީ އެއްކޮށް ސުންނާފަތިވެ، ބިމާ ހަމަވެފައެވެ. އަވަހާރަވި ޕަކްޕޫރަކީ މިދިޔަ އަހަރުގެ ހަނގުރާމައަށްފަހު އައިއާރުޖީސީގެ ކޮމާންޑަރުކަމަށް އައްޔަންކުރި ބޭފުޅަކަށްވާއިރު، ޝަމްކާނީ އަކީ އެމެރިކާއިން ދާދިފަހުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އިސް ބޭފުޅެކެވެ.
މި ހިތާމަވެރި ޚަބަރާއެކު އީރާނުގެ އެކި ކަންކޮޅުތަކުގައި ރައްޔިތުން ދަނީ މަގުތަކަށް ނުކުމެ ހިތާމަފާޅުކުރަމުންނެވެ. އިޒްރޭލުން މީގެ ކުރިން ބުނެފައިވަނީ ހާމަނާއީ ހިމެނޭހެން އިސް ހަތް ބޭފުޅަކު މި ހަމަލާގައި މަރާލާފައިވާނެ ކަމަށެވެ. މިއީ އީރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަވިކަން އެ ގައުމުން ރަސްމީކޮށް އިއުލާންކުރި ފުރަތަމަ ފަހަރެވެ.



