މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ސަރަހައްދީ މަޝްރަހަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ދިވެހި އުމްރާވެރިން ދަތުރުފަތުރުގެ ކަންކަމުގައި އިތުރަށް ސަމާލުވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު އިލްތިމާސްކޮށްފިއެވެ. މި އިލްތިމާސް ނެރެފައިވަނީ މިހާރު މައްކާގައި ތިބި އުމްރާވެރިންނަށާއި، އުމްރާގެ އަޅުކަމަށް ފުރަން ތައްޔާރުވަމުންދާ ފަރާތްތަކަށެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މަޝްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން އުމްރާވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދަތުރުފަތުރުގެ ހުރިހާ ކަމެއްގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި ސައުދީ އަރަބިއްޔާގެ ސަރުކާރާއި ރަސްމީ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައި، ދަތުރުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދަމުން ގެންދިއުމަށް ވެސް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، މައްކާގައި މިވަގުތު ތިބި ދިވެހި އުމްރާވެރިންގެ ހާލަތު އެ މިނިސްޓްރީން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. އުމްރާވެރިންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ހޮޓްލައިން ނަންބަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ނަންބަރު ހަމަޖެހުނުހާ އަވަހަކަށް އާންމުކުރާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.
ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ގުޅޭނެ އިންތިޒާމުތައް ހަމަޖައްސަމުން، މިނިސްޓްރީން ވަނީ ސައުދީގައި ހުންނަ ދިވެހި މިޝަންތަކުގެ ނަންބަރުތައް ހިއްސާކޮށްފައެވެ. އެގޮތުން، ރިޔާޟުގައި ހުންނަ ދިވެހި އެމްބަސީގެ ހޮޓްލައިން +966506894477 އަދި ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓުގެ ހޮޓްލައިން +966530838329 އަށް ގުޅޭނެ ކަމަށް ބުނެފައިވެއެވެ.
މެދުއިރުމަތީގައި އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން ސަރަހައްދީ މަޝްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ބޭރު ގައުމުތަކުގައި ތިބޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ދަނީ ހާއްސަ އިސްކަމެއް ދެމުންނެވެ.



