އުމްރާގެ އަޅުކަމަށްފަހު، ރާއްޖެއަށް ނާދެވިފައި 50 އުމްރާވެރިން އެބަތިބި ކަމަށާއި، މިހާރު އެމީހުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓުގެ ކޮމިޓީން ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ މިވަގުތު 2،000 އަށްވުރެ ގިނަ އުމްރާވެރިން އުމްރާއަށް ގޮސް އެބަތިބި ކަމަށާއި އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށެވެ.
ނަމަވެސް މެދުއިރުމަތީގައި މިވަގުތު ހިނގަަމުންދާ ހަނގުރާމައިގެ ސަބަބުން އެކުވެރި އަރަބި ގައުމެއްގެ ފްލައިޓެއް ކެންސަލްވުމާ ގުޅިގެން 50ކަށް އުމްރާވެރިން އެނބުރި ރާއްޖެ ނާދެވިފައި އެބަތިބި ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އެމީހުންނަށް ގޮތެއް ހޯދުމުގެ މަސައްކަތް ވެސް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ގުޅިގެން ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“އެކުވެރި ގައުމެއްގެ އެއާލައިނެއް ކެންސަލްވުމުގެ ސަބަބުން ރާއްޖެއަށް އެނބުރި އަންނަން ނުފުރިފަ ތިބި ގާތްގަނޑަކަށް 50 އުމްރާވެރިން އެކޮޅުން އަންނަން ދަތިވެފަ އެތިބީ. އެހެންވީމަ އެމީހުންނަށް ގޮތެއް ހޯދުމުގެ މަސައްކަތް ވެސް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ގުޅިގެން ވަނީ ފަށާފައި،” ޝަހީމް ވިދާޅުވި އެވެ.



