މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، އާންމު ހިޔާލު ހޯދުމުގެ ވޯޓު އޮބްޒާވްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެމްއާރްސީއެމް) ގެ 78 މުވައްޒަފުން ހަރަކާތްތެރިވަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެޗްއާރްސީއެމްއިން ހާމަކުރި ގޮތުގައި، މާލޭގެ އިތުރުން 18 އަތޮޅެއްގެ 21 ރަށެއްގައި އެ ކޮމިޝަންގެ ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މާލެ ސަރަހައްދުގެ 208 ވޯޓު ފޮށްޓަކާއި، އަތޮޅުތަކުގެ 104 ފޮށްޓެއް އޮބްޒާވްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ކ. މާފުށި ޖަލުގައި ބަހައްޓާފައިވާ ވޯޓު ފޮށި ވެސް ހިމެނެއެވެ.
ކޮމިޝަނުގެ މުވައްޒަފުންގެ މަސައްކަތް މިއަދު ހެނދުނު 6:30 އިން ފެށިގެން ކުރިއަށްދާއިރު، މިއަދުގެ އިންތިހާބުތަކުގެ ވޯޓުލުން ރަސްމީކޮށް ފަށާފައިވަނީ ހެނދުނު 8:00 ގައެވެ. ވޯޓުލުމުގެ ކަންކަން މިއަދު ހަވީރު 16:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
މުޅި ރާއްޖޭގައި ޖުމްލަ 588 ވޯޓުލާ މަރުކަޒު ގާއިމްކޮށްފައިވާއިރު، މި އިންތިހާބުގައި 294,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. މިއަދު ކުރިއަށްދާ އާންމު ހިޔާލު ހޯދުމުގެ ވޯޓަކީ ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބު އަދި ކައުންސިލް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނަގާ ވޯޓެކެވެ.



