މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް މުޅި ޖުމްލަ 88.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 5,186 ޓަނުގެ މަސް އެކުންފުންޏަށް ކިރުވާފައިވާ ކަމަށްވެސް މިފްކޯއިން ހާމަކުރެއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ޖަނަވަރީ މަހު 2,454 ޓަނުގެ މަސް ކިރުވާފައިވާއިރު، ފެބުރުއަރީ މަހު ކިރުވާފައިވަނީ 1,108 ޓަނުގެ މަހެވެ. އަދި މާރިޗު މަހުގެ ތެރޭގައި 1,625 ޓަނުގެ މަސް ކިރުވާފައިވެއެވެ.
މަސްވެރިންނަށް ފައިސާ ދޫކުރި މިންވަރަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ޖަނަވަރީ މަހުގައެވެ. އެ މަހު 40.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، ފެބުރުވަރީ މަހު 19 މިލިޔަން ރުފިޔާ އަދި މާރިޗު މަހު 29.3 މިލިޔަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.
މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށީ މި ސަރުކާރުން 2024 ޑިސެންބަރު 11 އިން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން މެދުކެނޑުމެއް ނެތި ގަވާއިދުން ފައިސާ ދޫކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ކުރިން ހަމައެކަނި ކަޅުބިލަ މަހުގެ މަސްވެރިންނަށް ފައިސާ ދޫކުރި ނަމަވެސް، މިހާރު ކަންނެލި ދޯނިފަހަރުތަކަށްވެސް މިފްކޯއިން އަންނަނީ ފައިސާ ދޫކުރަމުންނެވެ.



