ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންނަށް ވެސް، ސައުދީ އަރަބިއްޔާގެ “މައްކާ ރޫޓް އިނީޝިއޭޓިވް” ގެ ދަށުން ދަތުރުފަތުރުގެ ލުއިތައް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. މި އިންތިޒާމުތަކުގެ ތައްޔާރީތަކަށް ސައުދީގެ އެޑްވާންސް ޓީމެއް އަންނަ ހަފްތާގައި ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.
މައްކާ ރޫޓަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ސައުދީގެ އިމިގްރޭޝަން މަރުހަލާތައް ފުރާ ގައުމެއްގެ އެއާޕޯޓުގައި ތިބެ ނިންމާލެވޭނެ އިންތިޒާމެކެވެ. މީގެ ސަބަބުން ޖިއްދާ އެއާޕޯޓަށް ފޭބުމަށްފަހު އިމިގްރޭޝަން ކިއޫގައި މަޑުކުރަން ނުޖެހި، ހައްޖުވެރިންނަށް ސީދާ ހޮޓަލަށް ދެވޭނެއެވެ. އަދި ހައްޖުވެރިންގެ ފޮށިތަންމަތި ވެސް ސީދާ ހޮޓަލަށް ގެންގޮސްދިނުމުގެ އިންތިޒާމު މި ޕްރޮގްރާމުގެ ދަށުން ހަމަޖެހިގެންދާނެއެވެ.
މި ފުރުސަތަކީ އާންމުކޮށް 20،000 އަށްވުރެ ގިނަ މީހުން ހައްޖަށްދާ ބޮޑެތި ގައުމުތަކަށް ދޭ ފުރުސަތެއް ނަމަވެސް، ރާއްޖެއާއި ސައުދީއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން އަހަރަކު 1،000 މީހުން ހައްޖަށްދާ ރާއްޖެއަށް މި ފުރުސަތު ވަނީ ދީފައެވެ. ރާއްޖެއަކީ މި އިނީޝިއޭޓިވްގައި ހިމެނުނު އަށްވަނަ ގައުމެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ސައުދީ ވިޝަން 2030 ގެ ދަށުން 2018 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ހައްޖު މިނިސްޓްރީ އާއި އިންޓީރިއާ މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ހާއްސަ މަޝްރޫއެކެވެ. މިދިޔަ އަހަރު ވެސް ދިވެހި ހައްޖުވެރިންނަށް މި އިންތިޒާމުގެ ދަށުން ބޮޑެތި ލުއިތަކެއް ލިބިފައިވެއެވެ.



