ސިޔާސީ މަގާމުތަކަކީ ވަކި ފިކުރަކަށް ނުވަތަ ޕާޓީއަކަށް ވަފާތެރިވީތީ ލިބޭ ‘ހަދިޔާއެއް’ ނޫން ކަމަށާއި، އެއީ ދައުލަތާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ހަވާލުކުރެވޭ މަތިވެރި އަމާނާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ‘ރާއްޖެ މިއަދު’ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ސިޔާސީ މުވައްޒަފުންނަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރު ތަންފީޒުކުރުމުގައި އެންމެ އިސް ސަފުގައި ތިބެންޖެހޭ ބައެއް ކަމަށެވެ. އަދި ސިޔާސީ މަގާމުތަކުގައި ތިބެ އެދެވޭ ނަތީޖާ ނުނެރެވޭނަމަ މަގާމުން ވަކިވާން ޖެހޭނެ ކަމަށާއި، އެކަމުގައި ޝަކުވާ ކުރުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“އެއީ ދައުލަތާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ހަވާލުކުރެވޭ މަތިވެރި އަމާނާތެއް. އެއީ ކޮންމެހެން ފަސް އަހަރަށް ދޭ ހަދިޔާއެއް ނޫން ސިޔާސީ މަގާމުތަކަކީ. ސިޔާސީ މަގާމުތަކުގައި ތިއްބަވާ މުވައްޒަފުންނަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރު ތަންފީޒުކުރުމުގައި އެންމެ އިސް ސަފުގައި ތިބެންޖެހޭ ބައެއް،” މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތައް ވަކިކުރުމަކީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދެވޭނެ ޓީމެއް ބިނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅެއް ކަމަށެވެ. އަދި ވަޒީރުން އިސްތިއުފާ ދެއްވީ ވެސް ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އިސްލާހީ ބަދަލުތަކަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.



