ސަރުކާރަށް ރައްޔިތުންގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ރައްދު ދެއްވައިފިއެވެ.
ރޭ ދައުލަތުގެ މީޑިއާގެ ‘ރާއްޖެ މިއަދު’ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ސަރުކާރަށް އިދާރީ އިތުބާރެއް ނެތް ކަމަށް ބުނާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، ރައްޔިތުންގެ ފުރިހަމަ އިތުބާރު ސަރުކާރަށް އޮތްކަން އިންތިޚާބުގެ ނަތީޖާއިން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށެވެ.
މި ސަރުކާރުން ސިޔާސީ ބަދަލުހިފުމުގެ ރޫޙު ނައްތާލާފައިވާކަން ފާހަގަކުރައްވައި، މުންދު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ރައްޔިތުންގެ އަޑުއަހައިގެން ކަންކަން ކުރުމަށް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ކަންކަމާ ނުބެހި، އަމިއްލަ ޕާޓީތަކުގެ އެތެރޭގެ ކަންކަން ހަރުދަނާކުރުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ ރައީސް ގެންނެވި ބަދަލުތަކާއެކު ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާވެ، މަޝްރޫޢުތަކުގެ ދުވެލި ހަލުވިވެގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުންތަކަށް ތައުރީފު ކުރައްވަމުން މުންދު ވިދާޅުވީ، މިއީ ވަރަށް މަދު ވެރިޔަކަށް ނޫނީ ނަންގަވަން ކެރިވަޑައިނުގަންނަވާނެ ފަދަ ވަރުގަދަ ނިންމެވުމެއް ކަމަށެވެ.
“ވަރަށް މަދު ސަރުކާރެއް ނުވަތަ ވަރަށް މަދު ވެރިންނަށް ނޫނިއްޔާމު ކެރިވަޑައިނުގަންނަވާނެ ނުވަތަ އެހާ ފަސޭހަފުޅެއް ނުވާނެ ދައުރުގެ މެދުތެރެއިން ނަންގަވަންޖެހޭ ވަރަށް ވަރުގަދަ ވަރަށް ކެރޭ ޑިޒިޝަންތަކެއް ނަންގަވާފަ، ރައްޔިތުންނޭ މުހިންމީ، އަޑުއައްސަވާފީމޭ، އިސްލާހުތަކެއް ގެންނަންޖެހޭ، ބަދަލުތަކެއް ގެންނަންޖެހޭ، ކަންތައްތަކެއް އެބަޖެހޭ ރަނގަޅުކުރަން،” މުންދު ވިދާޅުވިއެވެ.
މީގެ އިތުރުން މުންދު ވިދާޅުވީ ރައީސް މުޢިއްޒަކީ ޤާނޫނުއަސާސީއަށް ވަރަށް ބޮޑަށް އިޙުތިރާމް ކުރައްވާ ރައީސެއް ކަމަށެވެ. ޤާނޫނުއަސާސީއާ ޚިލާފަށް ނުވަތަ ދުސްތޫރީ ނިޒާމަށް ލޮޅުން އަންނަފަދަ އެއްވެސް ކަމެއް ރައީސް ނުކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. އަދި ސަރުކާރުގެ ކޮންމެ ނިންމެވުމެއްވެސް ނަންގަވަނީ ރައްޔިތުންނަށް ދެފުށް ފެންނަ ގޮތެއްގައި ކަމަށްވެސް ޗީފް ސްޕޯކްސްޕާސަން ވިދާޅުވިއެވެ.
ސަރުކާރުގެ ހިންގުމަށް މި ބަދަލުތައް ގެނެސްފައިވަނީ 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން، މިދިޔަ ހަފުތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކުގެ ތެރެއިންނެވެ. މި ބަދަލުތަކާއެކު ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަނީ 15 އަށް މަދުކުރައްވާފައެވެ. މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާ ކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.



