2026 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެވޭނީ ހަމައެކަނި ރަސްމީ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އަނެއްކާވެސް ހަނދާންކޮށްދީފިއެވެ. އަދި ހުއްދަ ނެތި ހައްޖުގެ އަޅުކަން އަދާކުރަން އުޅޭ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް މިނިސްޓްރީން ވަނީ ދީފައެވެ.
ސައުދީ ޕްރެސް އެޖެންސީ (އެސް.ޕީ.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހައްޖުވެރިންގެ ކަންކަން ބަލަހައްޓާ ހުރިހާ އޮފީސްތަކުންނާއި ހުއްދަ ދެވިފައިވާ ސާވިސް ޕްރޮވައިޑަރުން، ހައްޖުވެރިން ބޭނުންވާ ހުއްދަތައް ހޯދުމަށާއި ކަނޑައެޅިފައިވާ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.
ހައްޖުގެ އަޅުކަން އަދާކުރުން ހާއްސަވެގެންވަނީ ރަސްމީ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ހުއްދަ ނެތި ހައްޖުގެ އަޅުކަމުގައި ބައިވެރިވާން ކުރާ އެއްވެސް މަސައްކަތަކަށް ލުޔެއް ނުދޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ހުއްދަ ދޫކުރުމުގެ ނިޒާމަކީ ކޮންމެ އަހަރަކު މައްކާއަށް ޖަމާވާ ގިނަ އަދަދެއްގެ މީހުން ކޮންޓްރޯލްކުރުމަށާއި، ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސައުދީ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. މި ނިޒާމުގެ ސަބަބުން މީހުން ގިނަވާ ވަގުތުތަކުގައި އިންތިޒާމުތައް ބެލެހެއްޓުމަށާއި، މުގައްދަސް ބިނާތަކުގައި ހައްޖުވެރިންނަށް ދޭ ހިދުމަތްތައް ރަނގަޅުކުރުމަށް ފަސޭހަވެގެންދެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން 2025 ވަނަ އަހަރު ޖުމްލަ 1,673,230 މީހުން ހައްޖުގެ އަޅުކަން އަދާކުރިއެވެ. މީގެ ތެރޭގައި ހިމެނެނީ ސައުދީގެ އެތެރެއިން 166,654 މީހުންނާއި ބޭރު ގައުމުތަކުން އައި 1,506,576 މީހުންނެވެ. 2026 ވަނަ އަހަރަށްވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވޭއިރު، މިހާރުވެސް ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ކަންކަން ވަނީ ފެށިފައެވެ.
ސައުދީ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، ހުއްދަ ހޯދުމުގެ އުސޫލަށް ފުރިހަމައަށް އަމަލުކުރުމުން މިނާ އަދި އަރަފާތް ފަދަ ތަންތަނުގައި މީހުން ގިނަވުމުގެ ސަބަބުން ދިމާވާ ނުރައްކާތައް ކުޑަވެ، ހައްޖުވެރިންގެ ހަރަކާތްތައް އެއް ތަނުން އަނެއް ތަނަށް ބަދަލުވުމުގައި ލުއިފަސޭހަކަން ލިބިގެންދާނެއެވެ.



