ހިޖަރުމަނުގެ މަޝްހޫރު ‘ހިޕް’ (HiPP) ކުންފުނިން އުފައްދާ ތުއްތު ކުދިންގެ ކާނާގައި ނުރައްކާތެރި ވިހަ މާއްދާއެއް އެކުލެވިފައިވާ ކަމަށް ބެލެވޭތީ، އެ ބްރޭންޑުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން ހުއްޓާލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭއިން މި އެލާޓް ނެރެފައިވަނީ އޮސްޓްރިއާގެ ފިހާރަތަކުގައި ވިއްކަން ހުރި މި ބްރޭންޑުގެ އުފެއްދުންތަކެއްގައި ‘ރޮޑެންޓްސައިޑް’ ނަމަކަށް ކިޔާ ވިހައެއް ހުރިކަމަށް ޝައްކުކުރެވިގެން، އެ ތަކެތި ބާޒާރުން އަނބުރާ ނަގަން ފެށުމާ ގުޅިގެންނެވެ. މި މައްސަލަ އޮސްޓްރިއާގެ ފުލުހުން މިހާރު ދަނީ ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގު ކުރަމުންނެވެ.
އެމްއެފްޑީއޭއިން ހާމަކުރި ގޮތުގައި ‘ހިޕް’ ބްރޭންޑުގެ އުފެއްދުންތަކަކީ ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ވިއްކާ ބާވަތްތަކެއް ނޫނެވެ. ނަމަވެސް، އަމިއްލަ ބޭނުންތަކަށް ބައެއް ފަރާތްތަކުން މި އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމުގެ ފުރުސަތު އޮތުމުން، އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.
ސިއްހީ ގޮތުން ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި، ‘ހިޕް’ މަރުކާގެ އެއްވެސް ކާނާއެއް އެތެރެނުކުރުމަށާއި، ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން ވަނީ ހަރުކަށި އިރުޝާދު ދީފައެވެ. އަދި މިފަދަ އުފެއްދުންތައް ވިއްކުމަކީ ވެސް މަނާކަމެއް ކަމުގައި އެ އޮތޯރިޓީން ވަނީ ބަޔާންކޮށްފައެވެ.



