ޙައްޖާއި ޢުމްރާގެ ޚިދުމަތް ދިނުމާ ގުޅޭ ކަންކަން ހަރުދަނާކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ޢުމްރާގެ އަޅުކަމަށް ފައިސާ ދެއްކުމަށްފަހު ދަތުރުނުކުރެވޭ މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިފަދަ މައްސަލަތަކަށް އަދުލުވެރި ޙައްލެއް ގެނެވޭނީ އެކަމަށް ޚާއްސަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލައިގެން ކަމަށެވެ. މި ޤާނޫނުގެ ދަށުން ޙައްޖު ކޯޕަރޭޝަނާއި އަމިއްލަ ކުންފުނިތަކުގެ ދައުރު ސާފުކޮށް ބަޔާންކުރެވި، އިހުމާލުވާ ފަރާތްތަކަށް އަދަބު ދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
“މިއީ ފައިސާ އާއި ރައްޔިތުންގެ މަސްލަހަތާއި ޙައްގުތަކާއި ގުޅޭ ކަމެއް. ޤާނޫނެއް އޮންނަންޖެހޭ. މާދުރު ނޫން މުސްތަޤްބަލެއްގައި މި މަސައްކަތް ކުރުމަށް މަސައްކަތްކުރާނަން،” ވަޒީރު ވިދާޅުވިއެވެ. އެހެން ޤައުމުތަކުގައިވެސް މި ޚިދުމަތް ދެނީ ޚާއްސަ ޤާނޫނެއްގެ ދަށުންކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މިފަދަ ކުށްތައް ހުއްޓުވޭނީ ޤާނޫނީ ބާރުވެރިކަން ލިބިގެން ކަމަށެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އަމިއްލަ ކުންފުނިތަކުން ޢުމްރާއާއި ޙައްޖުގެ ޚިދުމަތް ދިނުމުގައި އިހުމާލުވުމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މީގެ ތެރޭގައި އާންމުންގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި، ދަތުރުތައް ކެންސަލްވުން ފަދަ ކަންކަން ހިމެނެއެވެ.



