މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސް ކިރުވި 20 ދޯންޏަކަށް ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ދުވަހު މަސް ކިރުވި އުޅަނދުފަހަރަށް ޖުމްލަ 315,576 ރުފިޔާ ވަނީ ދޫކޮށްފައެވެ.
ފައިސާ ދޫކުރި ގޮތުގެ ތަފްސީލަށް ބަލާއިރު، ކަޅުބިލަމަސް ކިރުވި 17 ދޯންޏަކަށް 179,536 ރުފިޔާ ވަނީ ދީފައެވެ. މީގެ އިތުރުން 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި 13 ދޯންޏަކަށް 30,840 ރުފިޔާ އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 13 ދޯންޏަކަށް 105,200 ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯއިން މިހާރު މަސް ގަންނަމުންދާ އަގުތަކަކީ ކަޅުބިލަމަސް ކިލޯއެއް 17 ރުފިޔާއަށެވެ. އަދި 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބޮޑު ކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަންނައިރު، 15 ކިލޯއިން މަތީގެ ބޮޑު ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާއަށެވެ. މިހާރުވެސް ރާއްޖޭގެ އަށް ސަރަހައްދެއްގައި ހުރި މިފްކޯގެ ބަނދަރުތަކުން މަސް ގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް ލަސްނުކޮށް ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައެވެ.



