މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ހިމަބިހީގެ 121 ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޖެންސީގެ މިއަދު ނެރެފައިވާ އެންމެ ފަހުގެ އަދާހަމަ ރިޕޯޓުގައި ބުނާގޮތުން، ވޭތުވެދިޔަ ހަފްތާގައި 55 އާ ހިމަބިހީގެ ކޭސް މާލެ ސަރަހައްދުން ރިޕޯޓުކޮށްފައިވެއެވެ. އެއާއެކު، 2026 ވަނަ އަހަރު ފެށިގެން މިހާތަނަށް ޖުމްލަ 121 ކޭސް ރިޕޯޓުވެފައިވާކަމަށް ރިދައްކައެވެ.
އެޗްޕީއޭއިން ބުނީ، މިހާތަނަށް 5،495 މީހަކަށް މީސްލްސް ވެކްސިން ދީފައިވާކަމަށެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ ނުވަތަ އެކަން ޔަގީންނުވާ ފަރާތްތަކަށް އަވަހަށް ކަނޑައެޅިފައިވާ ވެކްސިން މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް އެޖެންސީއިން އިރުޝާދު ދީފައިވެއެވެ.
އަދި ހިމަބިހި ޖެހިފައިވާ މީހަކާ ގުޅުން ހުރި ފަރާތްތަކަށް، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމެރީ ހެލްތް ކެއާ ސެންޓަރުން ކޮންޓެކްޓް ފަރާތްތަކަށް ކަނޑައެޅިފައިވާ ވަގުތުގައި ވެކްސިން ޖަހައިދޭނެކަމަށް ވެސް އެޖެންސީއިން ބުނެފައިވެއެވެ.
މީގެއިތުރުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ވަގުތުތަކުގައި ވެކްސިންގެ ޚިދުމަތް ދެމުންދާނެކަމަށް އެޗްޕީއޭއިން ބުންޏެވެ.



