ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ. މި އިންތިހާބަކީ ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށް ބާއްވާ މުހިންމު އިންތިހާބެކެވެ.




ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 9:00 ގައެވެ. ޕީއެންސީން މައުލޫމާތު ދޭ ގޮތުގައި ހުރިހާ ދާއިރާއެއްގައި ވެސް މިހާރު ވަނީ ވޯޓުލާން ފަށާފައެވެ. ވޯޓުލުމުގެ ކަންކަން މިއަދު ހަވީރު 4:00 ޖެހުމާ ހަމައަށް ކުރިއަށްދާނެ ކަމަށް އެ ޕާޓީން ބުނެއެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ޕީއެންސީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ..
ޕީއެންސީން ބުނި ގޮތުގައި 131 ރަށު ދާއިރާގައި ވޯޓުލުން ކުރިއަށްދާއިރު، އަތޮޅުތަކުގެ އިތުރުން މާލޭގައި ވެސް ވޯޓުލުމުގެ ކަންކަން ވަނީ އިންތިޒާމު ކުރެވިފައެވެ. މި އިންތިހާބުގައި ދާއިރާތަކުގެ ރައީސުން ހޮވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޕީއެންސީ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނެތް ދާއިރާތަކަށެވެ. މަޖިލިސް މެންބަރުން ތިއްބަވާ ދާއިރާތަކުގެ ރައީސުންގެ މަގާމު ފުރައްވަމުން ގެންދަވާނީ އެ މެންބަރުންނެވެ.
ޕީއެންސީން ނިންމާފައިވަނީ ދާއިރާތަކުގެ އިންތިހާބު މި ހަފްތާ ބަންދުގައި ބޭއްވުމަށްފަހު، ޕާޓީގެ މަތީ މަޖިލިސް އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބޭއްވުމަށެވެ. މިއީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ.



