ޕީއެންސީން މިއަދު ކުރިއަށްގެންދާ އެތެރޭގެ އިންތިޚާބު ނިމޭއިރު، މާލެއާއި އަތޮޅުތެރެއިން ޖުމްލަ 3،000 އަށްވުރެ ގިނަ މީހުން ޕާޓީގެ އެކި މަގާމުތަކަށް އިންތިޚާބުވާނެ ކަމަށް ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމްއެމްޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޢަބްދުއްރަޙީމް ވިދާޅުވީ، މިއިން ކޮންމެ މަގާމަކަށް އިންތިޚާބުވާ ބޭފުޅުންނަކީ ޕާޓީގެ އާންމު މެންބަރުންނާއި ލީޑާޝިޕް ގުޅުވައިދޭނެ މުހިންމު ބޭފުޅުން ކަމަށެވެ.
ޢަބްދުއްރަޙީމް ފާހަގަކުރެއްވި ގޮތުގައި މި އިންތިޚާބު ނިމުމާއެކު، ރާއްޖޭގެ އެއްވެސް ރަށެއް ޕާޓީއާ ސީދާ ގޮތެއްގައި ގުޅިފައި ނެތި ނޯންނާނެއެވެ. ޕާޓީގެ އިންތިޒާމުތައް އެ ފެންވަރަށް ހަމަޖެހެމުންދާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މި އިންތިޚާބު ނިމިގެންދާއިރު ފެންނާނެ ޕާޓީ އޭގެ އަސްލު ޒާތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޕާޓީ ހިނގާ ގޮތަށް ހިނގާ ޕާޓީއެއް ކަމަށެވެ..
ޕާޓީގެ ވަސީލަތްތައް ފުރިހަމަކުރުމަށް ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، މިހާރު ހުރިހާ ރަށެއްގައިވެސް ޕާޓީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރެވިފައި ހުންނާނެ ކަމަށެވެ. އަދި ޕާޓީގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ޕީއެންސީގެ ޖަގަހަތައް ހުޅުވައި ނިންމުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އަންނަ އޮކްޓޯބަރު މަހު ބާއްވާ ޕާޓީގެ ކޮންގްރެސް ނިމިގެންދާއިރު، ޕާޓީގެ ހުރިހާ އިންތިޒާމުތަކެއް ތަރުތީބުކުރެވި، ހަރުދަނާ އުސޫލެއްގެ ތެރެއިން ޕާޓީގެ ކަންކަން ކުރިއަށްގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ޢަބްދުއްރަޙީމް ވަނީ ދެއްވާފައެވެ. .



