ފާއިތުވި ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކަލުގެ 23 ހާދިސާއެއްގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 12 އިން 18 އަށް ހިނގި މި ހާދިސާތަކުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރްއެސް) އިން ވަނީ އަމަލީ ގޮތުން ހަރަކާތްތެރިވެފައެވެ.
މި ހާދިސާތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އަލިފާނުގެ ހާދިސާތަކެވެ. އެގޮތުން 12 އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، 5 ރެސްކިއު އޮޕަރޭޝަނަކާއި، 4 މެޑިކަލް އިވެކުއޭޝަންގެ އިތުރުން ނުރައްކާތެރި މާއްދާތަކާ ގުޅޭ (ހެޒްމަތު) އެއް ހާދިސާއާއި އެހެނިހެން އެއް ހާދިސާގައި އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ސަރަހައްދުތަކަށް ބަލާއިރު އެންމެ ގިނަ ހާދިސާ ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން މާލެ އޭރިއާ ކޮމާންޑުން 16 ހާދިސާއެއްގައި ހަރަކާތްތެރިވެފައިވާއިރު، ސެންޓްރަލް އަދި ސަދަން އޭރިއާ ކޮމާންޑުން ކޮންމެ ސަރަހައްދަކުން ތިން ހާދިސާއެއްގައި ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ނޯދަން އޭރިއާ ކޮމާންޑުން ވަނީ އެއް ހާދިސާއެއްގައި ހަރަކާތްތެރިވެފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެމްއެންޑީއެފްގެ ހޮޓްލައިން ނަންބަރު 118 އަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާކުރުމަށް އެ މުއައްސަސާއިން ވަނީ އިލްތިމާސްކޮށްފައެވެ.



