ތިލަފުށީގައި ހުންނަ ވެމްކޯގެ ކުނި އުކާލާ ސައިޓުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާންގަނޑު، އިތުރަށް ފެތުރިގެން ނުދާ ވަރަށް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ. މި ހާދިސާ ކޮންޓްރޯލް ކުރުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ތިލަފުށީ ފަޔާ ސްޓޭޝަނުން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ 22:20 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ތިލަފުށީ ފަޔާ ސްޓޭޝަނާއި މާލެ ފަޔާ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ގިނަ ގަޑިއިރުތަކެއް ވަންދެން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ މިއަދު ހެނދުނު 08:00 ހާއިރުއެވެ.
އަލިފާންގަނޑު އިތުރަށް ފެތުރިގެން ދިއުން ހުއްޓުވުނު ނަމަވެސް، ކުނިތަކުގެ އަޑީގައި އަދިވެސް އަލިފާނުގެ އަސަރު ހުރުމުން ފަޔަރފައިޓަރުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ރޯވެފައިވަނީ ގިނަ އަދަދެއްގެ ކުނި ހުރި ސަރަހައްދެއްގައި ކަމުން، އަލިފާންގަނޑު އެއްކޮށް ނިއްވާލުމަށްޓަކައި އަދި އިތުރު ވަގުތު ބޭނުންވާނެ ކަމަށް ބެލެވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.



