އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް، އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މިއީ ހިނގާ އަހަރަށް ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.
މި ބަޖެޓު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބަޖެޓާ ދެކޮޅަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ. ބަޖެޓު ކޮމިޓީގެ ރިޕޯޓަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި އިސްލާހުތަކުގެ ތެރެއިން ޝަރުތު ހަމަވި ހަ އިސްލާހަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހި ނަމަވެސް، އެއިން އެއްވެސް އިސްލާހެއް ފާސްވާ މިންވަރަށް ވޯޓެއް ނުލިބުނެވެ.
ޖުމްލަ ބަޖެޓު ކުޑަވި ނަމަވެސް، ދައުލަތް ހިންގުމުގެ ރިކަރަންޓް ޚަރަދު ވަނީ 42.7 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ދައުލަތުގެ ޖުމްލަ ޚަރަދު 52.6 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، ތަރައްގީގެ މަޝްރޫއުތައް ހިމެނޭ ކެޕިޓަލް ޚަރަދަށް ކަނޑައަޅާފައިވަނީ 9.9 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ޕީއެސްއައިޕީއަށް 8.2 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ބަޖެޓް ޑެފިސިޓް ހުންނާނެ ކަމަށް ބެލެވެނީ 9.4 ބިލިއަން ރުފިޔާ (ޖީޑީޕީގެ %7.3) ގައެވެ. މުހިންމު ދާއިރާތަކުގެ ތެރެއިން ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ އަދި ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކަށް ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.



