ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުން އެތަނުގައި ވަޒަންވެރިވިއިރު ދޭންޖެހޭ އެތަކެއް ޒަރޫރީ އަދި އަސާސީ ޚިދުމަތްތައް ލިބެން ނެތްކަމަށާ، އެހެން ނަމަވެސް މި ސަރުކާރުން ދަނީ އެކަންކަން ފުރިހަމަ ކުރުމަށް ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކުރަމުންކަމަަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއއވެ.
‘އެއްގަމު ދަތުރުފަތުރުގެ ދާއިމީ ޙައްލު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރަށްވެހިންނަށް’ މި ނަމުގައި އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ބަހުގެ ޚިދުމަތް ތަޢާރުފުކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބަހުގެ ޚިދުމަތަކީ ވެސް ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތެއްކަމުގައެވެ. އަދިވެސް ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވެފައިވާ އެތަކެއް ޚިދުމަތްތައް ހުރިކަމަށާއި މިގޮތުން ސަރުކާރުން ދަނީ ސްކޫލްތަކާއި، މިސްކިތްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އިތުރުން މަގުތައް ހެދުން ފަދަ ކަންކަން ކުރަމުންކަމުގައި ރައީސް ވިދާޅުވިއެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އާރްޓީއެލްގެ ބަސްތައް ރަސްމީކޮށް ތަޢާރަފްކޮށްދެއްވާފައެވެ. މިގޮތުން ގްރޭޓަރ މާލެ ރީޖަންގެ ޓްރާންސްޕޯޓް ލިންކުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ދަށުން އެމްޓީސީސީއިން ވަނީ 86 ފަސިންޖަރުންގެ ޖާގައިގެ 15 ބަސް ގެނެސްފައެވެ.

މީގެ އިތުރުން ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންގެ އެތަކެއް ކަންބޮޑުވުންތައް އަދިވެސް ހުރިއިރު، އެމީހުންނަށް ދިމާވާ ގޮންޖެހުންތަކާއި އެމީހުންގެ ޝަކުވާތައް ސަރުކާރުން ގާތުން ބަލައި އަޑުއަހަމުންދާނެކަމަށާއި، އެކަންކަމަށް ދެވެން އޮތް ޙައްލަކީ ކޮބައިތޯ ބަލައި އެ ޙައްލުތައް އެމީހުންނަށް ހޯދައިދިނުމަށް ސަރުކާރުން ކުރިޔަށް އޮތްތާގައިވެސް މަސައްކަތްކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.