ކުނިއަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އެޅުމާއި ގުޅިގެން ތުލުސްދޫ ކައުންސިލް އިދާރާ ޖޫރިމަނާ ކޮށްފިއެވެ.
އެންވަޔަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ތުލުސްދޫ ކައުންސިލުން ކާބޯތަކެތީގެ ކުނި އަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އަޅަމުންދަނީ ކުނި މެނޭޖު ކުރުމުގެ ގަވައިދާއި ކަނޑައެޅިގެން ހިލާފަށް ކަމަށްވާތީ، ތުލުސްދޫގައި ކުނިއަޅާ ޑަސްބިނުގައިވާ ކުނިތައް މޫދަށް އެޅުން ވަގުތުން ހުއްޓާލުމަށް އަންގާ ކަމަށެވެ.
އަދި ތުލުސްދޫ ކައުންސިލް އިދާރާގެ މައްޗަށް އަޅާ އިދާރީ ފިޔަވަޅެއްގެ ގޮތުން މިމަހުގެ 10 އަކުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭ ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ޕްލޭން ތައްޔާރުކޮށް އެ އެޖެންސީ އާއި ހިއްސާކުރުމަށްވެސް އަންގާފައިވެއެވެ.
މީގެ އިތުރުންވެސް ކުނިމެނޭޖުކުރުމުގެ ގަވައިދާ ހިލާފަށް ތުލުސްދޫ ކައުންސިލުން ކުނި މެނޭޖު ކުރުމުގެ މަސައްކަތް ކޮށްފައިވާތީ ސާޅީސް ފަސްހާސް ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.
އީޕީއޭގެ ބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމަށްޓަކައި ހެދިފައިވާ އެންމެހާ ގާނޫނާއި ގަވައިދުތަކަށް ބޯލަނބާ ކިޔަމަންތެރިވެ އެއާ ހިލާފު އެންމެހާ އަމަލުތަކުން ދުރުވެ ތިބުމަށްވެސް ތުލުސްދޫ ކައުންސިލަށް އަންގާފައެވެ