ހއ ހޯރަފުށީ ސިއްހީ މަރުކަޒަށް، ތުއްތު ކުއްޖަކު ހުންގަދަވެގެން ޑޮކްޓަރަށް ދައްކަންދިޔައިރު ރެސްޓް ކުރުމަށް ބަލިމީހުން ބަލާ ކޮޓަރީގައި ޑޮކްޓަރު ނިދާފައި އޮތް މައްސަލައެއް ފެންމަތިވެއްޖެއެވެ.
ހާމިދު އާދަމް ކިޔާ ހޯރަފުށީ މީހަކު އޭނާގެ ފޭސްބުކް އެކައުންޓުގައި ބުނެފައިވަނީ ހުންގަދަވެފައިވާ އެއް އަހަރުގެ ދަރިފުޅާއިއެކު ދޮޅުގަޑިއިރު ކިޔުގައި މަޑުކުރުމަށް ފަހު ނަންބަރަށް ޖެހުމުން ޑޮކްޓަރު ކޮޓަރިން ދިން ޖަވާބަކީ “ޑޮކްޓަރ ރެސްޓް ކުރަން ނިދަނީ” ކަމަށެވެ.
އަދި ދެފަހަރު ޑޮކްޓަރަށް ގޮވާލުމުންވުސް ބުނީ ރެސްޓްކުރަނީ ކަމަށާއި ހާލަތު ބަޔާކުރުމުންބުނީ އިތުރަށް ނުގޮވުމަށް ކަމަށް ބުނެފައިވެއެވެ.
‘ ނަރުސް ގޮސް ކުއްޖާގެ ހާލަތު ބުނުމުން ކުރިއަށްވުރެ ގަދައަށް ނިދާލަން ހަމަޖެހިލި..މަރުކަޒު ހިންގުމާއި ހަވާލުވެ ހުރި ފަރާތުން އެދުމުން ވެސް ކުރީ އިންކާރު… އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް މީހަކަށް ބަލިމީހަކު ނުބެލޭނެ’. އެމީހާ ލިޔެފައިވެއެވެ.
ހާމިދު އާދަމް އިތުރަށް ބުނެފައިވަނީ މިދަރަޖައަށް ހޯރަފުށީ ސިއްޙީ މަރުކަޒުގެ ހާލަތު ގޯސްވެގެން މިދަނީ ތަނުގެ ހިންގުމުގެ ގާބިލިއްޔަތުކަން ނެތުމުގެ ސަބަބުން ކަމަށްވާއިރު ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުން އަދި ވަސީލަތް މަދުކަން އެނގިހުރެ މެނޭޖުކުރަން ނޭގުމުން ކަމަށެވެ.