މާލޭގެ ބައެއް މިސްކިތްތަކުގައި ބަންގި ގޮވާ ސްޕީކަރުން، ނަމާދު ކުރާ އަޑު މިސްކިތުން ބޭރަށް އަޑުއިވޭތީ އާއްމުންގެ ޝަކުވާ ލިބިފައިވާތީ ނަމާދުކުރާ އަޑު ބޭރަށް ނީވޭގޮތް ހަދަން މާލޭގެ ބައެއް މިސްކިތްތަކުގެ އިމާމުންނަށް އަންގާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިފަދަ އެންގުމެއް އަންގަން މިނިސްޓްރީއަށް ޖެހުނީ އެ ސަރަހައްދުތަކުގައި ދިރިއުޅޭ ބައެއް އާއްމުންގެ ފަރާތުން ތަކުރާރުކޮށް ޝަކުވާ ލިބެމުންދާތީ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެފައިވަނީ ނަމާދު ކުރާއިރު ބޭރަށް އަޑުއިވޭ ގޮތަށް ހުރުން އެއީ އަމަލުކުރަމުން އައި އާންމު އުސޫލު ކަމަށްވީ ނަމަވެސް އާންމުންނަށް އުދަނގޫވާ ވަރަށް އަޑު ބާރުކޮށްފައި ހުރުން ރަނގަޅު ނޫން ކަމަށެވެ.
މިނިސްޓްރީން ބުނީ މިގޮތަށް އަންގާފައިވާނީ ޝަކުވާ ލިބުނު ސަރަހައްދުތަކުގައި ހުރި މިސްކިތްތަކަށް ނަމަވެސް އެއީ ކޮން ސަރަހައްދުތަކެއްގައި ހުރި ކޮން މިސްކިތްތަކެއް ކަމެއް ހާމައެއް ނުކުރެއެވެ.