ގާނޫނު އޮތްގޮތުން ނާޒިމް ސައްތާރުގެ މައްސަލަ ނުބެލޭނެ ކަމަށް ބާ ކައުންސިލުން ނިންމައިފިއެވެ.
ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާއްމުވުމާއި ގުޅިގެން ސުލޫކީ މައްސަލަ ބާ ކައުންސިލަށް ހުށައެޅީ ގާނޫނީ ވަކީލު އަހުމަދު ތާލިބެވެ.
މި މައްސަލައިގާ އެދިފައިވަނީ ދައުރުވަމުންދާ ވީޑިއޯ އާއި ގުޅިގެން ގާނޫނީ ވަކީލުންނާއި ދޭތެރޭ އަދި ބާ ކައުންސިލާއި ދޭތެރޭ އާންމުން ދެކޭ ގޮތް ބަދަލުވަމުންދާތީ އެ މައްސަލަ ބަލާ، ނާޒިމް ސައްތާރުގެ ވަކީލުގެ ކަމުގެ ހުއްދަ ވަގުތީ ގޮތުން ބާތިލުކޮށްދިނުމަށެވެ.
ނަމަވެސް މައްސަލަ ހުށެހެޅިތާ ދެމަސް ފަހުން މިއަދު ބާ ކައުންސިލުން ބުނެފައިވަނީ ގާނޫނު އޮތް ގޮތުން ނާޒިމް ސައްތާރުގެ އެ މައްސަލަ ބެލެން ނެތް ކަމަށެވެ.
މައްސަލަ ހުށަހެޅި ތާލިބު ވިދާޅުވީ ސުލޫކީ މައްސަލައެއް ބާ ކައުންސިލަށް ހުށަހެޅޭނީ ގާނޫނީ ވަކީލަކާއި ހަވާލުކުރާ މަސައްކަތަކާއި ގުޅިގެން އަމަލުކުރާ ގޮތެއްގެ ސަބަބުންކަމަށްވެސް ބާ ކައުންސިލުން އޭނާ އަށް އަންގާފައިވާކަމަށެވެ.
ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންނާ އެކު އެއްޖިންސުން ގުޅުން ހިންގާފައިވާ އަލަމްގިރި އާއެކު ނާޒިމް ސައްތާރު ކަމަށް ބެލެވޭ ވީޑިއޯއެއް އާއްމުވެފައިވާއިރު ނާޒިމް ސައްތާރު އަންނަނީ މިކަމަށް އިންކާރު ކުރަމުންނެވެ.