ރާއްޖެއަށް މިހާތަނަށް ގެނައި ހުރިހާ ތަރައްގީއެއް ގެނައީ ތިމަންނާއޭ ބުނިނަމަ މާ ރަނގަޅުވީސް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިނލީ ދާއީރާގެ މެމްބަރު ގާސިމް އިބްރާހިމް ސިނަމާލެ ބްރިޖަކީ އޭނާ ދެއްކި ވާހަކައެއް ކަމަށް ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އަދުރޭ ވިދާޅުވީ، ރިޔާސީ އިންތިހާބު ކައިރިވަމުން އަންނަކަން އެނގުނީ ތޯ އައްސަވާފައެވެ.
އަދި ހަމައެކަނި ހަމައެކަނި ބްރިޖުގެ ވާހަކަ ދެއްކި ކަމަށް ވިދާޅުވީ ކީއްވެތޯ އާއި ބުރިޖު އެޅިކަމަށް ނުވަތަ މިހާތަނަށް ރާއްޖޭގައި ކޮށްފައިހުރި ތަރައްގީގެ ހުރިހައި މަސައްކަތަކީވެސް ގާސިމް ކޮށްފައިހުރި މަސައްކަތޭ ވިދާޅުވި ނަމަ މާރަނގަޅުވީސް ކަމަށް އަދުރޭ ވިދާޅުވިއެވެ.
ޓީވީ ޗެނަލް އަކަށް ދެއްވި އިންޓަރވިއުއެއްގައި ގާސިމް އިބްރާހިމް ވަނީ ސިޔާސީ މަސްރަހާ ގުޅޭ ގިނަ ވާހަކަތަކަށް ދައްކަވާފައެވެ.
އެގޮތުން އެއްވެސް ހިނދެއްގައި އޭނާ އަކީ ސިޔާސީ މީހެއް ނޫން ކަމަށާއި ނަމަވެސް، އިސްލާހަށް މަސައްކަތްކުރާ މީހެއް ކަމަށް ވެސް ވިދާޅުވެފައެވެ.
ޤާސިމް ވިދާޅުވީ ކޮންމެ ގޮތެއް ހަދައިގެން ވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހޯދުމަކީ އޭނާގެ ލެގަސީއެއް ނޫން ކަމަށެވެ. ނަމަވެސް ރާއްޖޭގައި އިސްލާހީ މަސައްކަތް ކުރުމަށް އަޅުއްވަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށާއި, ހޯއްދަވަން ޖެހުނު މަޤާމެއް ހޯއްދަވާނެ ކަމަށެވެ.
ސިޔާސީ މީހެއް ނޫން ކަމަށް ގާސިމް ވިދާޅުވި އިރު މީގެ ކުރިން ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ކަމަށް ތިން ފަހަރު ވާދަ ކުރައްވާ ގާސިމް އިބްރާހިމްއަށް ވަނީ ނާކާނިޔާބުވެފައެވެ.