ގިނަ ދިވެހިންތަކަކާއެކު އެއްޖިންސުން ގުޅުންހިންގި ކަން ސާބިތުވެފައިވާ އަލަމްގިރްގެ މައްޗަށް އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއެއް އުފުލުމަށް ކޯޓަށް ހުށަހަޅާފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނީ، ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގިރްގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 (ސާޅީސް) ދަޢުވާ 17 ސެޕްޓެންބަރު 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.
އޮރިޔާން ކާޑު ހެދުމުގެ ދައުވާތައް އަލަމްގިރުގެ މައްޗަށް އުފުލާފައި މިވަނީ ގިނަ ދިވެހިން ތަކަކާއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ އޭނާ ރެކޯރޑްކޮށްފައިވާތީއެވެ. މީގެ ކުރިން ވަނީ އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށް އޭނާ އެއްބަސްވެފައިވާތީ ހަތް މަހަށް ޖަލަށްލުމަށް ވެސް ހުކުމްކޮށްފައެވެ.



