- Advertisement -ad image

ރާއްޖޭގެ ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ އެންމެ ބޮޑު ހިއްސާއެއް އޮތީ މަޖީދިއްޔާ ސްކޫލްގައި: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ އެންމެ ބޮޑު އެއް ހިއްސާ އޮތީ މަޖީދިއްޔާ ސްކޫލްގައި ކަމަށާއި، އެ ސްކޫލް ހުޅުވުމަށް ފަހު، ރާއްޖޭގެ ގައުމީ ޙަޔާތުގައި އައި ކޮންމެ ދުވަހަކީ، މަޖީދިއްޔާ ސްކޫލުން ދަރިވަރުވި ޒުވާނުންގެ ޚިދުމަތްތައް މި ޤައުމަށް ލިބުނު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ވަނީ ދަރުބާރުގޭގައިހާއްސަ ޖަލްސާއެއް ބާއްވާފައެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މިއަދު މި ފާހަގަކުރަނީ މަޖީދިއްޔާ ސްކޫލުން 95 އަހަރު ކެނޑިނޭޅި ފޯރުކޮށްދިން ތަޢުލީމީ ދަންމަރުގެ އަލީގައި ދިވެހިން ހޯދި ތަރައްޤީއާއި ދިވެހި އުންމަތަށް ލިބުނު ކާމިޔާބީގެ ހަނދާންތައް ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ވެސް އެންމެ އިހުއްސުރެވެސް ދިވެހިންނަކީ ތަޢުލީމަށް ލޯބިކުރި ބައެއްކަމުގައި ވިދާޅުވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ތަޢުލީމީ ކަންކަން ކުރިއަރަމުން އައިގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.
އެގޮތުން 1927 ވަނަ އަހަރުގެ އެޕްރީލް 19 ވަނަ ދުވަހު، މަދަރުސަތުއް ޞަލާޙިއްޔާ ވުޖޫދަށް އައުން އެއީ މަޖީދިއްޔާ ސްކޫލްގެ ފެށުންކަމަށާއި، މުޅި ދިވެހި އުންމަތަށް ތަޢުލީމުގެ އަލިކަން ފެތުރިގެން ދާން ފެށީ އެ މަދަރުސާ އުފަންވި ހިސާބުންކަމުގައި ރައީސް ވަނީ ހާމަކުރައްވާފައެވެ.

އަދި، މިއަދާ ހަމައަށް ރާއްޖޭގެ ތަޢުލީމީ ޙަޔާތް އައިއިރު، ވަރަށް ތަފާތު މަރުޙަލާތައް ދިވެހިން ކަޑައްތު ކޮށްފައިވާކަމަށާއި، އެގޮތުން ގެންގުޅުނު އެކި އެކި ތަފާތުތައް ނައްތާލައި، މިއަދު ޢިލްމު އުނގެނުމަކީ، ވަކި ޖިންސެއް ތަފާތުނުކޮށް، ކޮންމެ ކުއްޖަކަށް ވެސް ލިބިގެންވާ ޙައްޤެއްކަމަށާއި، ކޮންމެ ކުއްޖަކަށް ވެސް، ފަށާ ތަޢުލީމާއި މެދު މަދަރުސީ ތަޢުލީމް ދިނުމަކީ، އެ ކުދިންގެ މައިންބަފައިންނާއި ދައުލަތުގެ މައްޗަށް ޤާނޫނުއަސާސީ ލާޒިމުކުރާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރިގެންދާއިރު، އެ މުއައްސަސާއަކީ ހަމައެކަނި މަދަރުސާއެއް ނޫންކަމަށާއި، މިއީ ދިވެހިންގެ ފަޚުރާއި ޝަރަފްގެ ރަމްޒެއްކަމަށާއި، ތަރައްޤީ އާއި ތަހުޒީބުގެ ކުރިބޯށިތައް ދިވެހިންނަށް ދައްކައިދިން ހައިބަވެތި ބިނާއެއް ކަމުގައި އެމަނކިފާނު ސިފަކުރެއްވިއެވެ.

އަދި، މަޖީދިއްޔާ ސްކޫލަކީ ދިވެހިންގެ ޢުމްރާނީ ފަންނުވެރިކަމުގެ އަގުހުރި ތަރިކައެއް ކަމަށާއި، މި އަގުހުރި ތަރިކަ އަމާނާތްތެރިކަމާއި ރައްކާތެރިކަމާ އެކު، ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދިނުމަކީ، ޤައުމީ ވާޖިބެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ