އިދިކޮޅު ޕީޕީއެމް/ ޕީއެންސީއިން ކ. އަތޮޅަށް ދަތުރުތަކެއް މިއަދު ފަށައިފި އެވެ.
ދަތުރާ ގުޅިގެން މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ރާއްޖޭގެ ހާލަތު ދަށަށް ދާން ފަށައިފައިވާ ކަމަށެވެ.
އެގޮތުން ތަކެތީގެ އަގު ބޮޑުވެ ގައުމު ދަވާލައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ރައްޔިތުންނަށް މިކަންކަން ހާމަކޮށްދިނުމަށާ އަދި އިދިކޮޅުން މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ޖަލްސާ ޕްރޮމޯޓުކުރުމަކީ ވެސް މި ދަތުރުގެ އެއް ބޭނުންކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ އަތުން ސަރުކާރުން އެތައް މުދަލެއް ފެލާލާފައިވާތީ އެކަމަށް އިންސާފު ހޯދުމަށް ގޮވާލާ ކުރިއަށްގެންދާ ޖަލްސާއެއްކަމަށް ވެސް ޝިޔާމު ވަނީ ވިދާޅުވެފައެވެ.
އަންނަ ހުކުރު ދުވަހުގެ ރޭ “ފެލާލައިފި” ނަމުގައި އިދިކޮޅުން ކާނިވަލް ސަރަހައްދުގައި ޖަލްސާއެއް ބާއްވަން ވަނީ ނިންމައިފަ އެވެ. ކ. އަތޮޅުގެ ރައްތަކަށް ކުރާ ދަތުރުތަކުގައި އެ ޖަލްސާއަށް އެ އަތޮޅުގެ ރައްޔިތުންނަށް ދައުވަތު އަރުވާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
މި ދަތުރުގައި ގާފަރު ފިޔަވާ ހުރިހާ ރަށަކަށް ޒިޔާރަތްކުރުމަށްވަނީ ހަމަޖެހިފައިކަމަށް ޝިޔާމް ވިދާޅުވިއެވެ.



