ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ވ.އާރަށުގެ މައްސަލައިގައި ދައުވާގެ ޙުކުމް މިއަދު އިއްވެވުމަށް ހަމަޖެހިފައިވާއިރު، ވީހާވެސް ގިނަ ބަޔަކު ކްރިމިނަލް ކޯޓު ސަރަހައްދަށް އެއްވުމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ގޮވައިލައްވައިފިއެވެ.
ޝުޖާއު ކުރެއްވި ޓުވީޓް
📢ރައްޔިތު ފިރިހެނުންނާއި ރައްޔިތު އަންހެނުން އަދި އުމުރުން 18އަހަރުންމަތީގެ ދެޖިންސުގެ ޒުވާނުން މާދަމާ ހެނދުނު 08:00 އަށް މާލޭ ކަރާމާރުކޭޓް ސަރަހައްދަށް ހާޒިރުވެދެއްވުމަށް ދަންނަވަން.🗣️
ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް ފަށަން ތާވަލުކޮށްފައި ވަނީ މިއަދު 9 ޖަހާއިރަށެވެ. ޝުޖާއު ރޭ ކުރެއްވި ޓުވީޓްގައި އުމުރުން 18 އަހަރު ފުރިފައި ތިބި ދެޖިންސުގެ ޒުވާނުން ކުރިމިނަލް ކޯޓުކައިރިއަށް އެއްވެސް ގޮވާލާފައިވެއެވެ.
އާރަށު މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ދެދަޢުވާއެއް އުފުލާފައިވެއެވެ. އެއީ މަނީ ލޯންޑަރިންގ އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލައިގައި ދެން ދަޢުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނަޢީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވައި އަޑުއެހުންތައް ނިންމައިލީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.



