- Advertisement -ad image

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން!

ad image

ގުޅުންހުރި ލިޔުންތައް

އަޅުގަނޑުމެން މިހާރު ގުނަމުން މިދަނީ ޝަޢުބާން މަހުގެ ބަރަކާތްތެރި ދުވަސްތަކެވެ. ރަމަޟާން މަހަށް އޮތީ 20 ވަރަކަށް ދުވަސްތާއެވެ. ދިވެހިންނަކީ އާންމުގޮތެއްގައިވެސް ރަމަޟާން މަހަށް ތަފާތު އެކިއެކި ތައްޔާރީތަށް ވަމުން އަންނަ ބައެއްކަން ފާހަގަކޮށްލެވެއެވެ. އެހެނަސް، ސިއްޙިގޮތުން ކުރެވިދާނެ ތައްޔާރީތަކާއިމެދު ވިސްނާލެވެނީ ވަރަށްވެސް މަދުފަހަރެއްގައިކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މި މާތް މައްސަރަށް ތައްޔާރުވުމުގެ ގޮތުންނާއި ދުޅަހެޔޮ ނިޒާމެއް ގެންގުޅުމައްޓަކައި ކުރެވިދާނެ ދެތިން ކަމަކަށް ބަލާލަމާތޯއެވެ.

ރޫޓީން އަށް ކުދިކުދި ބަދަލު ގެންނަން ފެށުން

ރޯދަމަހަކީ ތިބާގެ ރޫޓިން ރަނގަޅުކުރުމަށް ލިބޭ ފުރުސަތަކަށް ހެދުންވެގެންދާނީ ބުއްދިވެރި ކަމަކަށެވެ. ސަބަބަކީ، ރޯދަމަހުގެ ޢަމަލުތަށް މިހުންނަނީ ޙަޤީޤަތުގައި އަޅުގަނޑުމެންގެ ޢަމަލުތަށް ހުންނަންޖެހޭ ގޮތަށްކަމުގައިވާތީއެވެ. ޔަޢުނީ، އަވަހަށް ނިދުމާއި، އަވަހަށް ހޭލައިގެން ދުވަސް ފެއްޓުމަކީ ދުވަހުގެ ބަރަކާތްވެސް އިތުރުވެ ގިނަ ކަންކަން ކުރެވޭ ގޮތްވެގެންދާނެ ކަމަކަށްވާތީއެވެ. އަދި ކެއުމުގެ ވަޤުތު މަދުކޮށް ކާވަޤުތު ރަނގަޅު ކާނާ ކެއުމަކީ ސިއްޙަތަށް އެންމެ ފަހިގޮތްކަމަށް ރިޕޯޓްކުރާ އެތަކެއް ދިރާސާއެއްވެއެވެ.

އެހެނަސް، ކެއުމާއި ނިދުމުގެ އާދަތަކަށް ކުއްލިގޮތަކަށް އަންނަ ބަދަލުތަކަކީ ހަށިގަނޑާއި ސިކުނޑިއަށް ބުރޫއަރާ ކަމަކަށްވާއިރު، ކުރިން ޕްލޭންކޮށް ގަވާއިދުން ކުރާ ކަންތައްތަކަށް ކުދިކުދި ބަދަލު ގެންނަން ފަށައިފިނަމަ މިފަދަ އުނދަގޫތަކުން ލުއިލިބުން އެކަށީގެންވެއެވެ. 

އެގޮތުން މަޑުމަޑުން ނިދާ ވަޤުތު ބަދަލު ކޮށްލެވިދާނެއެވެ. މިކަންކުރުމަށްޓަކައި ދުވަހުގެ ކަންކަން ވީހާވެސް އަވަހަށް ނިމާލެވޭތޯ މަސައްކަތްކޮށް ރޭގަނޑުގެ ވަޤުތު ސްކްރީންތަކާއި ފޯނާއި ދުރުވާން އެބަޖެހެއެވެ. އަދި ފަތިސް ނަމާދުގެ ކުރިން ހޭލަން އާދަކުރުން މުހިންމެވެ. މެންދުރު ނަމާދަށްފަހު ވަޤުތުކޮޅެއްވާނަމަ ކުޑަވަރެއްގެ ނެޕެއް ނަގާލުންވެސް އެއީ ސިކުނޑި ތާޒާކޮށްލާނޭ ކަމެކެވެ. އެއިރުން ރަމަޟާންމަސް އަޅުގަނޑުމެންނާއި ހަމަވާއިރު ހާރަށް ތެދުވުމާއި އަޅުކަންތަކުގައި އުޅުމަށްޓަކައި ތިމާމީހާގެ ހަށިގަނޑު ހުންނާނީ ތައްޔާރުވެފައެވެ.

މީލް ޕްލޭން އެއް ގެންގުޅުން

ރަމަޟާން މަސް ނިމިގެންދާއިރު ބަރުދަން އިތުރުވުމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ.އަދި ވަރަށް ބޮޑު ކަންބޮޑުވުމެއްވެސް މެއެވެ. އާންމު ޤަވާއިދާއި ޚިލާފަށް ކެއުމުގެ ވަޤުތުތަށް ބަދަލުވުމާއި، ކާވަޤުތުގައި މާގިނައިން ކެވުމާއި، ގިނަ ކެއުންތަކުގައި ތެލުލާފައި ހުންނަ ނުވަތަ ސްޓާރޗްގެ މާއްދާ ގިނަ ކާނާހުރުން ވެގެން މިދަނީ އުނަގަނޑުގެ ވަށަމިން ފުޅާވުމަށް މެދުވެރިވާ ސަބަބުތަކަކަށެވެ. އަދި ޚާއްސަކޮށް ގިނަ ދިވެހިން އިފްތާރު ވަޤުތަށް ތައްޔާރު ކޮށްލެވެނީ ހެދިކާގެ ބާވަތެކެވެ. މިފަދަ ކާނާއަކީ ދުވަހުގެ ގިނަ ވަޤުތު ނުކައިހުރެ ބަނޑަށް ލުމަށް އެންމެ ރަނގަޅު ކާނާއެއްނޫނެވެ. 

މިކަން ބަދަލުކުރުމަށްޓަކައި ކުރިން ކެއުންތަށް ރޭވުން މުހިންމެވެ. ކޮންމެ ދުވަހަކު ތައްޔާރު ކުރަން ބޭނުންވާ ކެއުންތައް ދެނެގަނެ، ކައްކާ މިންވަރު މަދުކޮށް، ސިއްހަތަށް ފައިދާހުރި ކެއުންތައް ނުވަތަ ސިއްހަތަށް ފައިދާހުރި ކެއްކުމުގެ ގޮތްތައް ބަލައި ދިރާސާކޮށް ތައާރަފް ކުރެވިދާނެ އެވެ. އަދި ހަފްތާގެ ދުވަސްތަކަށް ބަހާލައިގެން ދުޅަހެޔޮ ކާނާގެ ތާވަލެއް ތައްޔާރު ކުރެވިދާނެއެވެ. އަދި ރަމަޟާން މަހު ވަކި ޚާއްސަ ކެއުން ކެއުމަށްވުރެ މިހާރުވެސް މިފަދަ ކާނާ ކާން ފަށައި އެގޮތިގައި ކުރިއަށް ދިޔުމުން ހަށިގަނޑަށް އަންނަ ލޮޅުން ކުޑަކުރެވިދާނެއެވެ.

ކެއުމުގެ މިންވަރު މަދުކުރުން

 ރޯދަމަހު ރޯދަ ނުހިފާ ގަޑިތަކުގައި މައިގަނޑު އޮންނަނީ ދެ ކެއުމެވެ. އެއީ، އިރުއޮއްސުމަށްފަހު ރޯދަ ދޫކޮށްލުމަށް އިފްތާރާއި، ފަޖުރުގެ ވަޤުތުގެ ކުރިން ކެއުމަށް ސުހޫރެވެ. ބައެއް މީހުން ތަރާވީޙް ނަމާދަށް ފަހު ގެއަށް އައިސްވެސް ކުޑަކޮށް ކާލާކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން އާންމހ ދުވަހަކާއި ބަލައި ރޯދަމަހު މިކަނީ ވަރަށްވެސް މަދު ވަޤުތުކޮޅެއްގައެވެ. އެހެންކަމުން، ރަމަޟާންމަހުގެ ކުރީ ހަފްތާތަކުގައި ކާއެއްޗެހި މަދުކުރުމާއި، ލުއި ކާނާ (ޖަންކް ފުޑް) ކަނޑާލުމަކީ ކުރިއަށް އޮތް ރޯދައަށް ހަށިގަނޑާއި ސިކުނޑި ތައްޔާރުކުރުމަށް އެހީތެރިވެދޭނެ ކަމެއްކަމަށް ބެލެވެއެވެ.

ޑޮކްޓަރަށް ދައްކާލުން

ރަމަޟާން މަހާއި ހަމައަށް ސިއްހީ އެއްވެސް ކަންބޮޑުވުމެއް ހުރިނަމަ އެންމެ އަވަސް ފުރުސަތެއްގައި ޑޮކްޓަރަށް ދެއްކުން މުހިންމެވެ. މިކަމަކީ، މާބަނޑު މީހުންނާއި ކިރުމައިންވެސް ޑޮކްޓަރުގެ އިރުޝާދުތަކަށް ސަމާލުވެ، ރޯދައަށްހުރުމަށްޓަކައި ސިއްޙީގޮތުން އަޅާނެ ފިޔަވަޅުތަކާއިމެދު މަޝްވަރާ ހޯދުމާށާއި، ސިއްހީ ހާލަތެއް ހުންނަ ބަލިމީހުންނަށް ރޯދަމަހު ތިމާގެ ބޭސްފަރުވާއާއި ބޭސްކާނޭ ވަޤުތުތަކަށް ގެންނަންވީ ބަދަލުތަކާއި، އެހެނިހެން ސިއްޙީ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ރަނގަޅު ފުރުސަތަކަށްވެގެން ދާނެއެވެ.  

ހަނދާނުގައި ބަހައްޓަންވީ މުހިންމު އެއްކަމަކީ، ރަމަޟާން މަހަކީ ކެއުމުގެ މަހެއް ނޫންކަމެވެ. އަޅުކަމުގެ މައްސަރު ކަމެވެ. އަދި އެންމެ ރަނގަޅުގޮތުގައި އަޅުކަމުގައި މަޝްޢޫލުވެވުން އޮތީ ރަނގަޅު ސިއްޙަތާއި އެކުގައިތާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ